ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ހުޅުމާލޭގައި ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައި 31 ބިދޭސީއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅުނު 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
މި އޮޕަރޭޝަނަކީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ހައްލު ކުރުމަށް އެކުލަވާލާފައިވާ ”ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް“ގެ ދަށުން ހިންގި އޮޕަރޭޝަނެއް ކަމަށްވާއިރު މި ޓާސްކްފޯހަކީ، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް މިދިޔަ ނޮވެމްބަރު މަހު އުފެއްދި ޓާސްކް ފޯހެއް ކަން ފާހަގަކުރެވެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. އަދި މިހާތަނަށް ގިނަ ތަންތަން ބަލައިފާސްކޮށް ގިނަ ބިދޭސީންތަކެއް އަނބުރާ އެމީހުންގެ ގައުމުތަކަށް ސަރުކާރުންދަނީ ފޮނުވާލަމުންކަން ފާހަގަކުރެވެއެވެ.
މި މަސައްކަތުގެ ތެރެއިން ހިންގޭ އެންފޯސްމަންޓް އޮޕަރޭޝަން ތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވީޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދިއުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް ’އޯޕަން ވިޒާ’ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި. އެ މީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.





