- އިސްތިހާރު -spot_img

”ފުރިހަމަ ތަރައްގީ ބޭނުންވާނަމަ އެއްބާރުލުން ދޭނެ ކެންޑިޑޭޓުން އިންތިހާބުކޮށްދެއްވާ“

ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި، އެކަމަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން އިންތިހާބުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ޕީއެންސީގެ ފަރާތުން އިއްޔެ މާލޭގައި ބޭއްވި ސައިކަލު ބުރު ނިންމަވާލެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި، ސިޓީތަކުންނާއި ރަށްތަކުގެ ކައުންސިލްތަކުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިހާބުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރައީސް ވިދާޅުވީ އަންނަ މަހުގެ 4 ވަނަ ދުވަހު ނަގާ ވޯޓަކީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ވޯޓެއް ކަމަށެވެ.

މީގެ އިތުރުން ކައުންސިލްތައް ބާކީކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ހަމައެކަނި ސަރުކާރުން ކަންކަން ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ހަމައެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ނިޒާމަކީ ފުރިހަމައަށް ގަބޫލުކުރާ ނިޒާމެއް ކަމަށެވެ. އަދި ރަށްރަށުގައި އަދި ސިޓީތަކުގައި ކުރަންހުރި ކޮންމެ ކަމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުރިއަށްގެންދެވޭ ކަންކަމަށް ވާނަމަ އޭގެ ހެވާއި ލާބަ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

”މިކަމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ވަރަށް ފޮނިވާނެ. އަޅުގަނޑު ރައްޔިތުންނަށް ވެފައިހުރި ހުރިހާ ވައުދުތަކެއް ފުއްދުމަށް މިއަދާ ހަމައަށް އައިއިރުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފީމު. އަދި އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ކާމިޔާބީތައް ވެސް މި ކުރިމަތިވެފަ އޮތް އަޅުގަނޑުމެންނަށް ވާރުތަވި އިގުތިސާދީ ގޮންޖެހުންތަކުގެ ތެރެއިންވެސް އަރައިގަނެގެން ކުރެވެމުންދާކަން އަޅުގަނޑު ވާނީ ނިމިގެން ދިޔަ ރިޔާސީ ބަޔާނުގައި އަދަދުތަކާ އެކީ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފަ.“ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ކިބައިން ވޯޓަށް އެދެނީ ހެޔޮ ނިޔަތުގައި ވަރަށް ޒިންމާދާރުކަމާއެކީ އެ މަސައްކަތް ކުރަން ބޭނުންފުޅުވާތީ ކަމަށާއި، މިއަދުގެ ސައިކަލު ބުރުގެ ބޭނުމަކީ އިންތިހާބަށް ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ކެމްޕޭން ވަރުގަދަކޮށް، ރައްޔިތުންނަށް މެސެޖު ފޯރުކޮށްދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި