ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ބޯޓު ފަހަރު ދަތުރު ކުރުމުގައި ދިމާވާ ހާދިސާތައް މަދު ކުރުމުގެ މަގުސަދުގައި އައު އިސްލާހުތަކެއް ތައާރަފުކޮށްފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މި އިސްލާހުތަކަކީ ކަނޑު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި އައު އިސްލާހުތަކުގެ ދަށުން ބޯޓު ފަހަރުގައި ހުންނަންޖެހޭ ސަލާމަތީ ވަސީލަތްތަކާއި، މުދަލާއި މީހުން އުފުލުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި ކަމަށްވެސް އުވާރާއިން ބުންޏެވެ.
މީގެ އިތުރުން، ދަތުރުވެރިންގެ ސަލާމަތަށްޓަކައި ބޯޓު ފަހަރުގެ ފަޅުވެރިންނަކީ ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަށްވެސް ބާރުއަޅާފައިވާއިރު މި އިސްލާހުތަކަށް އަމަލު ކުރަން ފެށުމުން ކަނޑުމަތީގެ ހާދިސާތައް ހިނގުން މަދުވެ، ދަތުރުވެރިންނަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި ގަވާއިދުތަކަށް އަމަލު ކުރޭތޯ ބެލުމަށްޓަކައި ހާއްސަ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ.
އެ ވުޒާރާއިން ބުނީ މި އާ ބަދަލުތަކާއެކު، ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ދާއިރާއަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ރައްކާތެރި ދާއިރާއަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.





