އދ. ދިގުރަށުގައި މިމަހު 13 ވަނަ ދުވަހު ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތެއް ނިޔާވުމާއި، އިތުރު ދެ ރައްޔިތަކަށް އަނިޔާވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބަންގްލަދޭޝްގެ ބޮޑު ވަޒީރު ހިޒް އެކްސެލެންސީ ތާރިގު ރަޙްމާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި މެސެޖުގައި، މި ހާދިސާއާއި ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށާއި، މި ހިތާމަވެރި ދަނޑި ވަޅުގައި، ބޮޑު ވަޒީރަށާއި، އެ ގައުމުގެ ސަރުކާރަށާ، ރައްޔިތުންނާއި، ހާއްސަކޮށް، ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހަމްދަރުދީ ފާޅު ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނާއި، ދިވެހި ރައްޔިތުން ތިބީ، މި ހާދިސާގައި މަރުވެ ދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކާ އެކުގައިކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ހާދިސާގައި، ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސް ވަނީ ދިވެހި މުޖުތަމައުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ދައުރެއް ކަމަށާއި، މި ހާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާ ކަމަށެވެ.
މީގެ އިތުރުން، މި ހާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށާއި، މިފަދަ ހާދިސާތައް އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މި ހާދިސާގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިމަހު 12 ވީ ބުރާސްފަތި ދުވަހުގެ ރޭ 1:57 ހާއިރު އެވެ. އަދި މި ރިޕޯޓު ލިބުމާއިއެކު ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް، 01:58 އެހާއިއިރު ހަރަކާތްތެރިވާން ފަށާފަކަމަށް ފުލުހުން ބުންޏެވެ. އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދާކަން ފާހަގަކުރެވުނު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަނގްލަދޭޝް ރައްޔިތުންކަން ފާހަގަކުރެވެއެވެ.





