- އިސްތިހާރު -spot_img

މީދޫގައި ގާއިމުކުރާ އައު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

ރ. މީދޫގައި ތަރައްގީ ކުރުމަށްހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލު އެޅުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އިއްޔެ މީދޫގައި އޮތް ރަސްމިއްޔާތެއްގައި މި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އެމަނިކުފާގެ އަރިހުގައި މި މަސައްކަތް ހަވާލުކޮށްފަައިވާ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ނަޒީމާއި ރ. މީދޫ ހިމެނޭ މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ޒާހިރުވެސް ބައިވެވަޑައިގެންފައިވެއެވެ.

އެރަށުގައި މިހާރު ހުންނަ ސިއްހީ މަރުކަޒުގެ ބަދަލުގައި އައު ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް ވައުދުފުޅާ އެއްގޮތަށް ހޮސްޕިޓާ އެޅުމުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގައެވެ.

މި ހޮސްޕިޓަލުގައި އެ ފަންތީގެ ހޮސްޕިޓަލަކުން ލިބެންޖެހޭ އެންމެހައި ހިދުމަތްތަކެއް އެންމެ ރަނގަޅު ފެންވަރަށް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރެވިފައި ހުންނާނެ ކަމަށާއި، ބަލިމީހުން ބަލާ ކޮޓަރިތަކާއި އޮޕަރޭޝަން ތިއޭޓަރާއި، ވިއްސާ ކޮޓަރި ފަދަ މުހިއްމު ގިނަ ވަސީލަތްތައް ހުންނާނެ ކަމަށް ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ދަނީ ސިއްހީ ނިޒާމު ހަރުދަނާ ކޮށް ސިއްހީ ދާއިރާ ފުޅާކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި