ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އެ ޕާޓީން ބުނީ މި ދެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ”ގާނޫނު އަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު“ ތަސްދީގު ކުރެއްވުމާ މެދު، އަންނަ މަހުގެ 4 ވަނަ ދުވަހުގައި ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ރިއާޔަތްކޮށް، “ފެންނަކަމަށް” ވޯޓު ދެއްވުމަށް ތާއީދު ކުރުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން އިއްޔެ ފާސްކޮށްފައިވާ ކަމަށެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނެސްފައިވާ އިރު އެ އިސްލާހު ތަސްދީގު ކުރެއްވުމުގެ ކުރީން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހުގެ 4 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު މި އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއިއެކު ކުރީގެ އިސްވެރިންވެސް ވަނީ ތާއީދު ކުރައްވާފައެވެ. އަދި ގިނަ ޕާޓީތަކުންވެސް މިކަމަށް ތާއީދު ކޮށްފައިވީނަމަވެސް އިދިކޮޅު އެމްޑީޕީން ދަނީ އެ ވޯޓަށް ދެކޮޅު ހަދަމުންކަން ފާހަގަކުރެވެއެވެ، އަދި އެމްޑީޕީއާއި ބައެއް ފަރާތްތަކުން ދަނީ ރައްޔިތުންނަށް އޮޅޭ ފަދަ ގޮތްގޮތަށް ވާހަކަދައްކަމުންކަންވެސް ފާހަގަކުރެވެއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއިއެކުގައެވެ.





