އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް މިއަދު ފަށައިފިއެވެ.
ހިމަންދޫގައި މި ހިދުމަތް ފައްޓަވައިދެއްވީ، ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި އެމަނިކުފާނު ވަނީ، އެރަށުގެ ސިއްހީ މަރުކަޒުގެެ އެސްއެމްޓީއާ ބައްދަލުކުރައްވާ، އެބޭފުޅުންގެ ކަންބޮޑުވުންތައްވެސް އަޑުއައްސަވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ، ރައީސްގެ އެންގެވުމާ އެއްގޮތަށް މި އަހަރު ތެރޭގައި 76 ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކުރުމަށް އެ ވުޒާރާއިން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. ހަމައެހެންމެ މި މަސައްކަތުގެ ދަށުން މިހާތަނަށް 12 ރަށެއްގައި މި ހިދުމަތް ގާއިމްކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ރައީސުލްޖުމްހޫރުއްޔާ ޑރ. މުހައްމަދު މުއުއްޒު އެދިލައްވާ ގޮތަށް މިހާތަނަށް ލެބޯޓަރީގެ ހިދުމަތް ގާއިމްކުރެވިފަ ނެތް ރަށްރަށުގައި ވީހާވެސް އަވަހަކަށް މި ހިދުމަތް ގާއިމްކޮށް ނިންމާލުމަށް، އެގޮތުން ހިމަންދޫއަކީ އަޅުގަނޑުމެންނަށް މި ހިދުމަތް ގާއިމްކުރެވުނު 12 ވަނަ ރަށް. އިރާދަކުރެއްވިއްޔާ ބާކީ ހުރި ހުރިހާ ރަށެއްގައިވެސް މިއަހަރު ތެރޭ މި ހިދުމަތް ގާއިމްކުރުން އަމާޒަކީ.“ ވަޒީރު ވިދާޅުވިއެވެ.





