ފ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށް ”ޔޫސް އޮފް ފޯސް ރިފްރެޝާ“ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި ތަމްރީނަކީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންގެ ގާބިލުކަން އިތުރުކޮށް، އިންތިހާބަށް ފުލުހުން ތައްޔާރު ކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.
މީގެ އިތުރުން މި ހިނގާ މާރިޗު މަހުގެ 11 އިން 17 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ފުލުހުންގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރި ކުރުވުމުގެ އިތުރުން، ބާރުގެ ބޭނުން ކުރުމާއި، ހަތިޔާރު ގެންގުޅޭނެ އުސޫލުތަކާއި، ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކާ ގުޅޭގޮތުން މައުލޫމާތު ދީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މީގެ އިތުރުން، އެކި ހާލަތްތަކާ ގުޅޭ ސިނާރިއޯތައް ބޭނުން ކޮށްގެން، އެ ފަދަ ދަނޑިވަޅު ތަކުގައި ބާރުގެ ބޭނުން ކުރާނެ ގޮތްތަކާއި ހަތިޔާރު ބޭނުން ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކުގެ ތަމްރީނުތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.





