އިސްލާމީ ދާއިރާއިން 14 ރަށެއްގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫތުތަކެއް ކަމަށެވެ. އަދި މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްޓަކައި ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސޮއިކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި، ގދ. ގައްދޫ، ސ. މަރަދޫ، ކ. މާފުށި، އދ. މާމިގިލި، މ. މުލަކުގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ދ. ކުޑަހުވަދޫއާއި ތ. ވޭމަންޑޫގައި ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ އައްޔަބޭ ޕާޓްނާސްއާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން ލ. ފޮނަދޫގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް ވައިޓް ލިންކު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު، ނ. މަނަދޫ، ރ. ދުވާފަރު، ނ. ވެލިދޫގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ކަމަށް އިސްލާމީ ވުޒާރާއިން ބުންޏެވެ.
އެ ކުންފުންޏާއި ގއ. މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި ށ. ފީވަކުގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމަށް ހަވާލު ކޮށްފައިވާއިރު ބ. އޭދަފުށީގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް އެސްއޭއެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއިވެސް ހަވާލުކޮށްފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
އެ ވުޒާރާއިން ބުނީ އިސްލާމީ ދާއިރާއިން މިހާރުވެސް 90 އަށްވުރެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާއިރު، މީގެ ތެރޭގައި ވަގުފު އިމާރާތްތަކާއި، އިސްލާމީ މަރުކަޒުތަކާއި، ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައް ހިމެނޭ ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި މި ދާއިރާއިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުން ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.





