- އިސްތިހާރު -spot_img

”މި އީދު ދުވަހު ދިވެހި ރައްޔިތުންތިބީ ފަލަސްތީނައި މެދުއިރުމަތީ ތިބި މުސްލިމުންނާއިއެކު“

ފިތުރު އީދު މި އަހަރު މި ބައްދަލުކުރަނީ، އިސްލާމީ އުންމަތް ނުތަނަވަސްކަމެއްގެ ތެރޭގައިވާ ދަނޑިވަޅެއްގައި ކަމަށާއި ފަލަސްތީނާއި، މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމުން ތަހައްމަލުކުރަމުންދާ ހުރިހާ ވޭނެއްގައި ދިވެހީން ބައިވެރިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި އެ ލޮބުވެތި އަހުންނާއި އުހުތުންނަށް އަމާންކަމާއި ރައްކާތެރިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ. އަދި އީދުގެ އުފާ ބައްދަލުކުރާ މި ދަނޑިވަޅުގައި، މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާ ރައީސް ވިދާޅުވީ އީދުގެ އުފަލަކީ، މާތް ﷲއަށް ހަމްދުކޮށް، އެކަލާނގެ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވެ، އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކޮށް، ފަރުދީ ގޮތުންނާއި ޖަމައީ ގޮތުން ހިތްތަކަށް ހަމަޖެހުން ހޯދައި މުޖުތަމައުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުން ކަމަށެވެ.

ހަމައެހެންމެ އީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާ އިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމުކަންވެސް ހަނދާންކޮށްދެއްވާ އެމަނިކުފާނު ވަނީ ވަކިވެގެންދާ ރަމަޟާން މަދަރުސާގެ ފިލާވަޅުތައް ހަނދާންކޮށް، ރަނގަޅު ބަސްބުނެ، ރަނގަޅު އަމަލުތައްކޮށް، ކެތްތެރިކަން އިސްކޮށް، އެއްބައިވަންތަ ކަމުގައި ދެމިތިބުމަށް ހިތްވަރުދެއްވާފައެވެ. އަދި ހަ ރޯދައިގެ ދުވަސްތައް މެދުވެރިކޮށް، ހެޔޮ އަމަލުތަކުގެ މަތީގައި ދެމިތިބެން އިސްލާމްދީން ގޮވާލާ ނިޒާމަށް އިޝާރާތްކުރައްވައި، އަޅުކަމާއި އަޅުވެރިކަން މަތީ ދެމިތިބުމަށްވެސް އެމަނިކުފާނު ނަސޭހަތް ތެރިވެވަޑައިގެންނެވިއެވެ.

އެމަނިކުފާނުގެ ހިތާބުގައި އިސްލާމީ އުންމަތަށް ނަސްރާއި ރައްކާތެރިކަން ދެއްވައި، ދިވެހި ގައުމަށް ހެވާއި ލާބަ މިންވަރު ކުރައްވައި، ކުރިއަށް އޮތް އަހަރަކީ ބާއްޖަވެރި، އަމާން، ތިޔާގި އަހަރެއް ކަމުގައި ލެއްވުމަށް އެދިވަޑައިގެން ދުއާފުޅުވެސް ކުރައްވާފައިވެއެވެ.

އެމަނިކުފާނު އީދު ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީދު ހަދަން ވާނީ، ކާބަފައި ޒަމާނުއްސުރެ އީދާއި ގުޅިފައިވާ ރީތި އާދަތައް ދިރުވައި އާލާކޮށް ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި