ވ. ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗުން ކަނޑަށް ވެއްޓުނު ދެ މީހުންވެސް މިހާތަނަށް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ ވ. ފެލިދޫ ކައިރިން ދަތުރު ކުރި ލޯންޗެއް ބަނޑުން ޖަހާލައި އޭގެން ދަތުރު ކުރި ބަޔަކު ކަނޑަށްވެއްޓުނު ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 1:15 އެހާކަންހާއިރު ކަމަށެވެ.
މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ ހަތް މީހުން ތިބި ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އޭގައި އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބި އިރު މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މީހުން ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ ކަނޑަށްވެއްޓުނީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ކަމަށެވެ. އަދި ކަނޑަށް ވެއްޓުނު މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިނުވާ އިންޑިއާގެ ދެ ފިރިހެނުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުންނެވެ.
ފުލުހުން ބުނީ މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ލޯންޗަކުން ދެ މީހަކު ގެއްލިގެން އެ މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.




