އިޒްރާއީލުން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ދިވެހިރާއްޖޭގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެެރެއިން ހަތަރު ލައްކަ ރުފިޔާ ދިވެހި ސަރުކާރުން ހަދިޔާ ކޮށްފިއެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 423,749 ރުފިޔާ، ގައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަވާލުކުރީ މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ އިސްރާ އެސޯސިއޭޝަން މޯލްޑިވްސްއަށެވެ.
ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމާއި، ހާއްސަކޮށް ގައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މި ޖަމްއިއްޔާއިން ދަނީ ގިނަ ހަރަކާތްތަކެއްރާވައި ހިންގަމުންނެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ސަރުކާރުން ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާއީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި ފައިސާ ސޯޝަލް މިނިސްޓްރީއާ މިހާރު ވަނީ ހަވާލުވެސްކޮށްފަކަން ފާހަގަކުރެވެއެވެ.
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި ފަރާތްތަކަށް 6000 ރުފިޔާ ބަހާފައިވާ ކަމަށް އިސްލާމީ ވުޒާރާއިން ބުނެފައިވެއެވެ. އެ ވުޒާރާއިން ބުނީ ޒަކާތް ލިބުމަށް ޝަރުތު ހަމަވާ މީހުންނަށް ފިތުރު ޒަކާތް ބަހައިފައިވާ އިރު، ބޮލަކަށް ޖެހިފައިވަނީ 6000 ދިވެހި ރުފިޔާ ކަމަށެވެ. އަދި މިއީ ރާއްޖޭގައި މިހައި ތަނަށް ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހި ފަހަރެއް ކަމަށާއި، ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ހައްގުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަގީރު ޔަތީމު ކުދިންވެސް ހިމެނޭ ކަމަށް ވުޒާރާއިން ބުންޏެވެ.
މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހައި ތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރު ކަމަށާއި، ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމުލަ 13،896،000 ދިވެހި ރުފިޔާ ކަމަށްވެސް އިސްލާމީ ވުޒާރާއިން ބުނެފައިވެއެވެ.





