- އިސްތިހާރު -spot_img

އީދު ހަވީރު 1447 އަށް ބޮޑު ތަރުހީބެއް!

ބަރަކާތްތެރި ފިތުރު އީދުގެ އުފަލުގައި، އާއިލާތައް އެއްތަނަކުން ބައްދަލުވެ، އިޖުތިމާއީ ރޫޙު އާލާކުރުމުގެ މަގުސަދުގައި، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ގުޅިގެން ބާއްވަމުންދާ ”އީދު ހަވީރު 1447“ ގައި އެމްއެންޑީއެފުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ކުޑަކުދިންނަށް އަމާޒުކޮށްގެން އިއްޔެ ހަވީރު، ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒުގެ މާބުލް ސަރަހައްދާއި، ސަލްޓަން ޕާކާއި، ހުޅުމާލެ ސެންޓްރަލް ޕާކާއި ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޕާކް އަދި ވިލިމާލެ ފުޓުބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ މި ހަވީރުގައި ސިފައިންގެ އެކި ދާއިރާތަކުން ބައިވެރިވެފައިވެއެވެ. އަދި މި ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑު އަދި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ އުޅަނދު ފަހަރުތަކަށް އަރައި އެ އުޅަނދު ތަކުގައި ފޮޓޯ ނެގުމާއި، އެމްއެންޑީއެފް ކޯސްޓް ގާޑުން ބޭނުންކުރާ ކުދި ރިބްސްތަކަށް އަރައި ދުއްވާލުމުގެ ފުރުސަތުގެ އިތުރުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ސިވެކް އިން ކުރިޔަށްގެންދިޔަ ފޯމް ޕޫލް ހަރަކާތްތަކާއި، ރެޕެލިން ޓަވަރަށް އަރައި ފޭބުމުގެ ހަރަކާތްތައްވެސް ކުރިއަށް ގޮސްފައިވެއެވެ.
އެމްއެންޑީއެފްއިން ބުނީ އެ ސަރަހައްދުގައި، އެމްއެންޑީއެފް މެރިން ކޯ އަދި އޯޑްނަންސް ސާވިސްގައި ބޭނުންކުރާ ހަނގުރާމަމަތީ ބައެއް އާލާތްތަކާއި، އުޅަނދުތަކާއި، ހަތިޔާރުތައް އެ ސަރަހައްދުގައި ޑިސްޕްލޭކޮށް، ކުޑަކުދީންނަށް އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތާއި، ސްޕެޝަލް އޮޕަރޭޝަން ގްރޫޕްއިން ކުރިއަށް ގެންދާ އޯވަހެޑް އޮބްސްޓިކަލް ކްރޮސިންގެ އިތުރުން ސްޕެޝަލް ފޯސަސްއިން ކުޑަކުދީންގެ މެދުގައި މަޤްބޫލު ގިލީ ސޫޓު އަދި ސްނައިޕަރުންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައިވާ ކަމަށެވެ.
ހަމައެއާއެކު، އެމްއެންޑީއެފް އެއާ ކޯއިން ޔޫއޭވީ ޑިސްޕްލޭގެ އިތުރުން ސިމިއުލޭޓާ ތަޖުރިބާ ކުރުމާއި، އެއާ ޕިސްޓަލް އަދި އެއާ ރައިފަލުން ޝޫޓްކޮށްލުމުގެ ފުރުސަތު ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސްޓޯލުން ތަޖުރިބާކޮށްލުމާއި، ކުޑަކުދިންނާ ގުޅޭ އިހުޒަމާނުގެ ފުލޯކް ވާހަކަތަކުގައި އުޅޭ ބައެއް މީހުންގެ ސިފަ ދައްކުވައިދިނުމަށް އެމްއެންޑީއެފް މެޑިކަލް ކޯއިން ކުރިއަށް ގެންދާ ހަރަކާތްތަކާއި، ދިވެހި ސިފައިންގެ ކުލަބުން ޕެނަލްޓީ ޝޫޓްއައުޓް ތަޖުރިބާ ކުރުމުގެ ހަރަކާތުގެ އިތުރުން މަސައްކަތްތެރި ކަމުގައި ބޭނުންކުރާ އެކިއެކި އާލާތްތައް ބޭނުން ކުރުމުގެ ތަޖުރިބާކޮށްލުމަށް އެމްއެންޑީއެފް ސާވިސް ކޯއިން ކުރިއަށް ގެންދާ ހަރަކާތްތަކާއި، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްގެ ފަރާތުން ސަގާފީ ހަރަކާތްތަކެއްވެސް ހުށަހަޅައިދީފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހަރަކާތްތައް އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި