ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާއިން މިއަދު ބުނީ ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް ތެޔޮ ލިބޭނެ ކަމަށެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ ހީނުކުރާހާވަރަށް އުފުލެމުންނެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
އެ ވުޒާރާއިން ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން އެސްޓީއޯ އިން ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގަށް ބަދަލު ގެނައުމާ ގުޅިގެން، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި ބޯޓު ފަހަރުން ވިއްކާ ޑީސަލުގެ އަގަށް ބަދަލު ގެނައިކަން އިއުލާން ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެސްޓީއޯގެ ނިންމުން މުރާޖައާކޮށް، ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ”ފަހި ހަކަތަ“ ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގު ތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ހަމަޖައްސާފައިވާތީ، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިން އޮތް ގޮތަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.





