މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ހިތަދޫ އިން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ލ. ހިތަދޫ / މުރިގު، އުމުރުން 22 އަހަރުގެ ހަސަން ސަހުމީނު ކަމަށެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ މި މަހު 19 ވަނަ ދުވަހު ހިތަދޫ ޕޮލިހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށްވެސް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 25 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހަސަން ސަހުމީނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.




