ދުނިޔޭގެ ޓީބީ ބަލީގެ ދުވަސް (ޓާބިއުކިއުލަސް) ފާހަގަކުރަމުންދާއިރު، މި ބައްޔަކީ ރައްކާތެރިވެވޭ އަދި ފަރުވާކޮށްގެން ރަނގަޅު ކުރެވޭ ބައްޔެއް ކަމުގައި ވީނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އެތައް މިލިއަން ބަޔަކު އަދިވެސް މި ބަލީގެ ތަހައްމަލު ކުރަމުންދާކަން ހަނދާނަށް ގެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޓީބީ ބަލީގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބަލި މުޖުތަމައުން ފޮހެލުމަށްޓަކައި، ހަރުދަނާ ސިއްހީ ނިޒާމެއް ގާއިމު ކުރުމާއި، ބަލި އަވަހަށް ދެނެގަތުމުގެ އިތުރުން، އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ބޭނުންވާކަން ފާހަގަކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ ޓީބީ ބަލި ޖެހޭ މީހުން ނިސްބަތުން މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ފަހުރުވެރިވާ ކަމެއް ކަމަށާއި، އަދި ބަލި އަވަހަށް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފަރުވާ އާއި ޓެސްޓުތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދީ، މި ބަލީގެ ނުރައްކާ ބޮޑު ފަރާތްތަކަށް ބޭނުންވާ ހާއްސަ އަޅާލުން ފޯރުކޮށް ދިނުމުގައި ރާއްޖެއިން މެދު ކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކާށިބަލިން ސަލާމަތްވެފައިވާ މުސްތަގުބަލަކަށް ވާސިލުވުމަށްޓަކައި، ސިއްހީ ހިދުމަތްތެރިންނާއި މުޖުތަމައު ގުޅިގެން މަސައްކަތްކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރާ އަޒުމް މިއަދު އާކުރުމަށްވެސް އެމަނިކުފާނުވަނީ އެދިލައްވާފައެވެ.





