މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރު ކަމަށްވާއިރު އެންމެ ހޫނުގަދަ ވަގުތުތަކުގައި އަތްވަށް ނުކުމެ ނޫޅުމަށާއި ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން އިއްޔެ ހެނދުނު އާންމުކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ އެވްރެޖުކޮށް 35.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ. އަދި އާންމު ހޫނުމިން ހުރީ އެވްރެޖުކޮށް 31.2 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައިކަން ފާހަގަކުރެވެއެވެ.
ހަމައެހެންމެ އިހުސާސް ކުރެވޭ ހޫނު މިން އެންމެ މައްޗަށް ދިޔައީ، މާލެ ސަރަހައްދުގައެވެ. މާލެ ސަރަހައްދުގައި ހޫނުމިން ހުރީ، 36.8 ޑިގްރީ ސެލްސިއަސްގައި ކަމަށްވާއިރު އެހެނިހެން ސަރަހައްދުތަކުގެ ތެރެއިން ކައްދޫގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.5 ސެލްސިއަސްގައިއެވެ.
ހޫނު ގަދަވުމުގެ ސަބަބުންނާއި އިރުގެ ދޯދިން ތުއްތު ކުދިންނާއި ކުޑަކުދިންނަށް ކުރާ އަސަރު މާ ބޮޑުކަމަށް އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ. ހޫނު ގަދަ ދުވަސްވަރު ތުއްތު ކުދިންނާއި ކުޑަކުދިން ބޭރަށް ނުގެންދިއުމާއި ގާތުން ކިރުދިނުން ނުވަތަ ހަ މަސްފުރިފައިވާ ކުދިންނަށް ދިޔާ ތަކެތި ނުވަތަ ފެން ދިނުން އިރުރު ކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފަވެއެވެ.
ހަމައެހެންމެ ގަޔަށްދޫ ތުނި ހެދުން ލެއްވުމަށާއި ހޫނު ގަދަ ގަޑިތަކުގައި ބޭރަށް ގެންދާނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެ އެޖެންސީއިން އިލްތިމާސްކޮށްފައިވާއިރު ހޫނު ގަދަވުމުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާވެދާނެ ފަރާތްތަކުގެ ތެރޭގައި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ދާއިމީ ބައްޔަކަށް ފަރުވާކުރާ މީހުންނާއި އަވީގައި ގިނަ ވަގުތު މަސައްކަތްކުރަންޖެހޭ މީހުން ހިމެނޭކަން ފާހަގަކުރެވެއެވެ.





