ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، އެއްގަމު ތޮށީގެ މަސައްކަތްތައް ފަށައިފިއެވެ.
އެމްޓީސީސީން ގެ ފަރާތުން ކުރިއަށްގެންދާ މި މަސައްކަތުގައި މަގުގެ މަސައްކަތުގައި އެންމެ ފުރަތަމަ ފަށާފައިވަނީ މިހާރު އޮތް އެއްގަމު ތޮށީގެ ކޮންކްރީޓް ތަޅާލާ، ނެގުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މި މަސައްކަތް ކުރެވެމުންދަނީ ހެންވޭރު ފެރީ ޓާމިނަލާއި އިންވެގެން އޮންނަ ޖެޓީ ސަރަޙައްދުގައި ކަމަށާއި، އެ ސަރަޙައްދުގައި މަސްވެރިންގެ ޕާކާ ހަމައަށް، ދޯނިތައް ކައިރި ކުރާ ހުރަސް ތޮށި ހިމެނޭހެން މަރާމާތު ކުރަމުންދާނެ ކަމަށްވެސް އެމްޓީސީސީން މައުލޫމަތު ދީފައިވެއެވެ. އެމްޓީސީސީން ބުނީ މަގު ފުޅާ ކުރާ ސަރަޙައްދާ ހަމައަށް ޝީޓް ޕައިލް ކުރުމުގެ މަސައްކަތްތައްވެސް ފެށިފައިވާ ކަމަށާއި، ގާތްގަނޑަކަށް 2-3 މީޓަރު މަގުން ފުޅާކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި މަސައްކަތް ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5 އާއި ހަމައަށް އޮންނަ ސަރަޙައްދުގައި ކަމަށްވާއިރު އެއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެއް ކަން ފާހަގަކުރެވެއެވެ.





