- އިސްތިހާރު -spot_img

ޝުކޫރަކީ ދިވެހި ގައުމީ ހިދުމަތުގެ ފަހުރުވެރި ދަރިއެއް: ޕޮލިސް

ދިވެހި ފުލުހުންގެ ހިދުމަތުގެ ނަމޫނާ އައްޑަނައެއްގެ ގޮތުގައި ދިވެހި ފުލުހުން އަބަދުވެސް ދެކެމުން އަންނަ ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުއްޝަކޫރު އަބްދުﷲ އަކީ ހުލުގުހެޔޮ ނަމޫނާ ބޭފުޅެއް ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

އެމަނިކުފާނާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ މަޑުމައިތިރިކަމާއި އަދަބު އިހުތިރާމާއެކު އަނެކުންނާއި މުއަމަލާތް ކުރުމުގައި ދެވަނައެއް ނެތް ބޭފުޅެއް ކަމަށެވެ.

ފުލުހުން ބުނީ ޝަކޫރު، ގައުމީ ހިދުމަތް ފަށްޓަވާފައިވަނީ ދިވެހި އަސްކަރިއްޔާއިން ކަމަށާއި، މަޖީދިއްޔާ ސުކޫލުން ތައުލީމު ހާސިލުކުރެއްވި ޝުކޫރު، ދިވެހި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ 30 ޑިސެންބަރު 1965 ގައި ކަމަށެވެ. އަދި އޭރު ފުލުހުންގެ ހިދުމަތް ދެމުން ގެންދަނީ ނެޝަނަލް ސެކިއުރިޓީ ސާވިސް ނުވަތަ ސިފައިންގެ ތެރެއިން ކަމަށާއި، ސިފައިން ޔުނިޓްތައް އުފެދި ތަރުތީބުވެގެން އައިއިރު ފުލުހުންގެ ހިދުމަތް އޮތީ ސިފައިންގެ ވަރަށް މުހިންމު ޔުނިޓެއްގެ ގޮތުގައި ކަމަށެވެ. އެ ދުވަސްވަރުން ފެށިގެން ވެސް އެމަނިކުފާނު ހިދުމަތް ކުރައްވަމުން ގެންދެވީ ފުލުހުންގެ ތެރޭގައިކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ހަމައެހެންމެ 1 ސެޕްޓެންބަރު 2004 ގައި ސިފައިންނާއި ފުލުހުން ވަކި ކުރައްވައި ފުލުހުންގެ ހިދުމަތަކީ ވަކި މުއައްސަސާ އެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން ޝުކޫރު، ދިވެހި ފުލުހުންގެ ހިދުމަތަށް ބަދަލުކުރެއްވީ ކަމަށާއި، ދިވެހި ސިފައިންގެ ހިދުމަތުގައި 38 އަހަރާއި 8 މަހާއި 2 ދުވަހު ހިދުމަތް ކުރައްވައި، 31 އޮގަސްޓް 2004 ގައި ދިވެހި ސިފައިންގެ ހިދުމަތުން ދިވެހި ފުލުހުންގެ ހިދުމަތަށް ބަދަލުކުރެއްވިއިރު ހުންނެވީ ލެފްޓިނަންޓް ކާނަލްގެ ރޭންކުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެމަނިކުފާނުގެ ސިފައިންގެ ސާވިސް ނަންބަރަކީ 163 ކަން ފާހަގަކުރެވެއެވެ.

ފުލުހުން ބުުނީ މަޖީދިއްޔާ ސުކޫލުން ސިފައިންގެ ހިދުމަތަށް ގެންނެވި 3 ވަނަ ބެޗުގައި ހިމެނިވަޑައިގެންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) ޝުކޫރު ފުރަތަމަ މަސައްކަތް ކުރެއްވީ ދިވެހި އަސްކަރިއްޔާގައި ސިފައިންގެ މީހެއްގެ ރޭންކުގައި ކަމަށެވެ. އަދި އޭގެ ފަހުން، ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ 4 ނަންބަރު ސަރުދާރު ކަމާއި، ކޯޕްރަލް ކަމާއި، ސާޖަންޓް ކަމާއި، ސްޓާފް ސާޖަންޓް ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖާ ކަމުގެ ރޭންކް ފުރުއްވައިފައިވާ ޝުކޫރު، ސިފައިންގެ ހިދުމަތުގައި އެންމެ ފަހުން ހުންނެވީ ލެފްޓިނަންޓް ކާނަލް ކަމުގެ ރޭންކުގައި ކަމަށެވެ. އަދި އެމަނިކުފާނު ސިފައިންގެ ހިދުމަތުގައި އުޅުއްވިއިރު ލެފްޓިނަންޓްގެ ރޭންކުން ފަސްޓް ލެފްޓިނަންޓްގެ ރޭންކަށް މަގާމުގެ ކުރިއެރުން ދެއްވީ 1988 ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއަށްފަހު ސިފައިންނަށް މަގާމުގެ ކުރިއެރުން ދެއްވިއިރުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު ފުލުހުންގެ ތެރޭގައި ޝުކޫރު ފުރަތަމަ މަސައްކަތް ކުރެއްވީ ވައްކަމާ ބެހޭ ބައިގައި ކަމަށާއި، އޭގެ ފަހުން 1978ގެ ފަހުން ފުލުހުންގެ މަސައްކަތް ތަރުތީބު ކުރެވެމުން ދިޔައިރު އެމަނިކުފާނު ހުންނެވީ ޝަރުއީ ގޮތުން މަނާ، ދީނާ ހިލާފު މައްސަލަތައް ބަލާ ބައިގެ ވެރިޔާގެ މަގާމުގައި ކަމަށެވެ. އޭގެފަހުން ފުލުސް އޮފީހުގެ ތަފާތު ބައިތަކުގައާއި ޑިޕާޓްމަންޓް ތަކުގައި މަސައްކަތް ކުރައްވާފައިވާ ޝުކޫރު ސިފައިންގެ ހިދުމަތުގެ މުއްދަތުގެ ތެރޭގައި ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވަނީ ފުލުހުންގެ ތަހުގީގުގެ ދާއިރާގައި ކަމަށްވާއިރު ޝުކޫރު އަކީ 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގެ ތަޙުގީގު ޓީމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ހަމައެހެންމެ އޭގެފަހުން ފުލުހުންގެ އިސް މަގާމްތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި 02 ޑިސެންބަރު 1995 ވަނަ ދުވަހު ޑެޕިއުޓީ ކޮމާންޑިން އޮފިސަރުގެ މަގާމަށް ޝުކޫރު ހަމަޖައްސަވާފައިވާކަން ފާހަގަކުރެވެއެވެ.

ފުލުހުން ބުނީ ޝުކޫރު ވަނީ އެންއެސްއެސްގެ ދުވަސްވަރު، ފުލުހުންގެ ހިދުމަތުގައި ހުންނަވައިގެން ސާރުކާރުގެ އެދިވަޑައިގަތުމަށް ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ކޮމިޝަނާގެ މަގާމު ފުރުއްވައި، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ބޮޑުވެ، މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންނާއި މީހުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އުފެއްދެވި އިދާރާ ހިންގެވުމުގައި އެ މަނިކުފާނުގެ ފަރާތްޕުޅުން ފެނިގެން ގޮސްފައިވަނީ އިހިލާސްތެރިކަމާއެކު ހިދުމަތަށް ދެއްވި އިސްކަން ކަމަށެވެ. އެގޮތުން 1998 ވަނަ އަހަރު ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ މުވައްޒަފުންނަށާއި މާލެއާއި އަތޮޅު ތެރޭގައި މަސްތުވާތަކެއްޗާއި ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގުރާމްތައް ހިންގަވައި، ވަކިން ހާއްސަކޮށް 01 ޖުލައި 1998 ން 15 އޮގަސްޓް 1998 އަށް އޮޕަރޭޝަން ”އަތްފުނާ” ގެ ނަމުގައި މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި ވިއްކާ މީހުން އަތުލައިގަތުމަށްޓަކައި ހިންގި ހާއްސަ އޮޕަރޭޝަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ފުލުހުން ބުނީ ޝުކޫރު އަކީ ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގެ ފަލްސަފާ ފުލުހުންގެ ހިދުމަތަށް ތައާރަފު ކުރެއްވި މޭސްތިރިއެއް ކަމަށާއި، އެގޮތުން 1995 ގެ ޑިސެންބަރު މަހުގެ ތެރޭގަގައި ޖައިކާ (ޖަމާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ) އާއި ސިންގަޕޯ ޕާޓްނާޝިޕް  ޕްރޮގުރާމްގެ ދަށުން ސިންގާޕޯގައި އޮތް ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންއާ ބެހޭ ވާކްޝޮޕެއްގައި ޝުކޫރު ބައިވެރިވެ ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ އައިސް އެ ވާކްޝޮޕާއި ބެހޭގޮތުން ހުށަހެޅުއްވި ރިޕޯޓްގައި މި އައު ފަލްސަފާގެ އަހަންމިއްޔަތު ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެ ފަދަ ކުޑަ އަދި މުޖުތަމައުގެ އަފުރާދުންގެ މެދުގައި އޮންނަ ގާތްގުޅުމުގެ މިންވަރު ބޮޑު ގައުމަކަށް އެފަދަ ހިދުމަތެއްގެ މުހިންމުކަން މި ރިޕޯޓުން ފާހަގަކުރެވިފައިވާއިރު މުޖުތަމައާ ގުޅިގެން މަސައްކަތް ކުރާނެ ޕޮލިސް ޕޯސްޓްތަކެއް ”ވިލީ ފުލުސް”ގެ ނަމުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރުމުގެ މަސައްކަތް ފެށުނު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި 25 ފެބްރުވަރީ 1998އިން 30 މެއި 1998 އަށް ވިލީ ފުލުސް ތަކުގައި މަސައްކަތްކުރާ ފުލުހުންނަށް ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގެ ހުނަރުތައް އިތުރުކުރުމުގެ މަގުސަދުގައި ކްލާސްތަކެއް ޝުކޫރު އިސްވެ ހުންނަވައިގެން ހިންގަވާ ދެއްވާފައިވާކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ފުލުހުން ބުނީ ޝުކޫރު، އެންއެސްއެސް ދައުރު ހިދުމަތް ކުރެއްވި ދުވަސްތަކުގައި ފާހަގަ ކުރެވިފައިވަނީ ހަވާލުކުރެވުނު ކޮންމެ ކަމެއް ތެދުވެރިކަމާއި ވާފަތެރިކަމާއި އިހުލާސްތެރިކަމާއި، މުރާލިކަމާއި، ހީވާގިކަމާ އެކު ކުރެއްވި ބޭފުޅެއްގެ ގޮތުގައި ކަމަށާއި ހަވާލުކުރެއްވި އެއްވެސް ކަމަކަށް، އެއްވެސް ފަހަރަކު ނޫނެކޭ ވިދާޅުނުވެ ގައުމަށް ހިދުމަތް ކުރެއްވި ގައުމު ދެކެ ލޯބިވާ އަދި އަސްކަރީ ހެވިކަމަށް ހާއްސަ ޝައުގުވެރިކަމެއް ހުރި ބޭކަލެއްގެ ގޮތުގައި ކަމަށެވެ. ދީނަށް ލޯބިކުރެއްވި، ކެތްތެރި، މަޑުމައިތިރި އަދި ރިވެތި އަހުލާގެއްގެ ވެރި ޝަހުސިއްޔަތެއްގެ ގޮތުގައި ކަމަށްވެސް ފުލުހުން ސިފަކުރައްވާފައިވެއެވެ.

ސިފައިންގެ ހިދުމަތުގައި ހުންނެވި ދުވަސްތަކުގައި ސިފައިންނާއި ފުލުހުންގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްކުރާ ބައެއް ބޯޑުތަކާއި ކޮމެޓީތަކުގައި މަސައްކަތް ކުރައްވައި، އޭރު ސިފައިންގޭގައި އޮންނަ އެންމެ އިސް އެއް ބޯޑުކަމުގައިވާ ސްޓާފް ބޯޑުގައާއި ސިފައިންގެ ތާރީހު ކޮމެޓީގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ދިވެހި އަސްކަރީ ތާރީހު ލިޔެ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ސިފައިންގެ ހިދުމަތަށް ފަހުގައިވެސް ދެމި ހުންނެވި ކަމަށް ފުލުހުން ބުންޏެވެ.

ޝުކޫރު، ސިފައިންގެއަށް ކޮށްދެއްވައިފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ދިވެހި އަސްކަރިއްޔާއިން ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 ކުލައާއި، 8 މެޑެލި ދެއްވާފައިވާއިރު އެމަނިކުފާނު ހާސިލުކުރައްވާފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ހާއްސަ ހިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި، ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ ކުލައާއި، އިހުލާސްތެރި ހިދުމަތުގެ ކުލައާއި، ސިފައިންގެ ހިދުމަތުގެ ކުލައާއި، އަހުލާގީ ކުލަ (ދެ ފަހަރަށް) ލިބިފައިވެއެވެ. ހާސިލުކުރައްވާފައިވާ މެޑެލިތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، މަތިވެރި ހިދުމަތުގެ މެޑެލި، ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑެލި، އިހުލާސްތެރި ހިދުމަތުގެ މެޑެލި، އަހުލާގީ މެޑެލި، 3 ނޮވެންބަރުގެ މެޑެލި އަދި ސައްތައިގެ މެޑެލި ހިމެނެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތް 01 ސެޕްޓެންބަރު 2004 ވަނަ ދުވަހު އުފައްދަވައި އެ މުއައްސަސާއަށް ޝުކޫރު ހަމަޖެއްސެވީ ސީނިއާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށެވެ. އަދި 2008 އޮގަސްޓު 5 އިން ފެށިގެން 04 މާރިޗު 2009 ގައި ދިވެހި ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމާ ހަމަޔަށް ހުންނެވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކުގައި ކަމަށްވާއިރު ދިވެހި ފުލުހުންގެ ހިދުމަތުގައި އެމަނިކުފާނު ވަނީ ފުލުހުންގެ ޕްރޮމޯޝަން ބޯޑުގެ ޗެއާމަން ކަމާއި، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް ކަމާއި، ޑިސިޕްލިނަރީ ބޯޑުގެ ވައިސް ޗެއާމަންކަންވެސް ކުރައްވާފަ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ކުރިއެރުމާއި ތަރައްގީއަށް އިހްލާސްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވައި، ވަކިން ހާއްޝަކޮށް އެމަނިކުފާނު އިސްވެ ހުންނަވައިގެން މުޖުތަމައާއި ގުޅިގެން ”އެންމެން ގުޅިގެން ކުށް މަދުކުރެވޭނެ” މި ޝިޔާރުގެ ދަށުން މާލެއާއި އަތޮޅުތަކުގައި ތަފާތު ކޮމިއުނޓީ ޕްރޮގުރާމްތައް ޝުކޫރު ހިންގަވާދެއްވާފައިވެއެވެ.  ދިވެހި ފުލުހުންގެ ހިދުމަތުގައި ހުންނަވައި ޝުކޫރު ވަނީ ފުލުހުންގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެލި ހާސިލުކުރައްވާފަ ކަމަށާއި، ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގައި ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިހުލާސްތެރިކަމާއެކު ހިދުމަތް ކުރައްވާފައިވާ ޝުކޫރު އަށް 2024 ވަނަ އަހަރު ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ.

ޝުކޫރު 01 ސެޕްޓެންބަރު 2004 ވަނަ ދުވަހުން ފެށިގެން ދިވެހި ފުލުހުންގެ ހިދުމަތުގައި 4 އަހަރާއި 6 މަސްދުވަހާއި 4 ދުވަހު ހިދުމަތް ކުރެއްވިއިރު ޑެޕިއުޓީ ކަމިޝަނާގެ މަގާމުގައި ހުންނަވައި ޝަރަފުވެރިކަމާއެކު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 4 މާރިޗު 2009 ގައެވެ. އެމަނިކުފާނު ވަނީ ދިވެހި އަސްކަރިއްޔާގައާއި ދިވެހި ފުލުހުންގެ ހިދުމަތުގައި ދިވެހި ދައުލަތަށް އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޖުމުލަ 43 އަހަރާއި 2 މަހާއި 5 ދުވަހު ހިދުމަތް ކުރައްވާފައިވެއެވެ.

ޝުކޫރު އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިންޑިއާގެ ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލްގައި މިދިޔަ އަންގާރަ ދުވަހުއެވެ. ފަސްދާނުލެވިފައިވަނީ ބުދަ ދުވަހުގެ ހަވީރު މައްޗަންގޯޅި އާސަހަރާގައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި