- އިސްތިހާރު -spot_img

ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އޮނިގަނޑަށް ބޮޑު ބަދަލެއް!

ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް އައު ގަވާއިދު އާއްމުކޮށްފައިވާއިރު މި އަހަރު ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަލަށް އެކުލަވާލެވުނު ގަވާއިދަށް ކަމަށެވެ.

އެގޮތުން މުބާރާތަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ގައުމީ މުބާރާތް މީގެ ކުރިން ބާއްވަމުން އައިސްފައިވާ ގޮތާއި ތަފާތުކޮށް، މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، ޖުމްލަ 03 ބުރަކަށް ބަހާލައިގެން ކަމަށާއި، އެއީ އޮޑިޝަން ބުރަކާއި، ސެމީ ފައިނަލް ބުރެއްގެ އިތުރުން ފައިނަލް ބުރެއް ކަމަށްވެސް ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

ހަމައެހެންމެ މުބާރާތް ރޭވިފައިވާ ގޮތައްބަލާއިރު މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި އޮޑިޝަން ބުރެއް ބާއްވާއިރު މި އޮޑިޝަން ބުރު ކުރިއަށް ދާނީ އަތޮޅު ތެރޭގައި ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގަައިކަން ފާހަގަކުރެވެއެވެ. މިގޮތުން ފޯމު ހުށަހަޅާ ފަރާތްތަކަށް ހާޒިރުވުމަށް އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.

އެ ވުޒާރާއިން ބުނީ އޮޑިޝަން ބުރަށްފަހު މާލޭގައި ސެމީ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ސެމީ ފައިނަލް ބުރަށް ދާނީ، އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން، %80 (އަށްޑިހަ އިންސައްތަ) އިން މަތިން ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 500 (ފަސްސަތޭކަ) ބައިވެރިން ކަމަށާއި، މުބާރާތުގެ ފައިނަލް ބުރަށް ދާނީ، ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން، %85 (އަށްޑިހަ ފަހެއް އިންސައްތަ) އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 150 (ސަތޭކަ ފަންސާސް) ބައިވެރިން ކަމަށެވެ.

ގަވައިދަށް އަލަށްގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފު ކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ 2 ފެނަލްގައިވެސް ބައިނަލްއަގުވާމީ ފެންވަރުގެ 1 ފަޑިޔާރަކު މަދުވެގެން އިންނާނެ ކަމަށާއި، މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ އުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ބައިވެރިޔާ ހޮވާނެ ކަމަށް ވުޒާރާއިން ބުންޏެވެ. އަދި މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ހާފިޒުންގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ބައިވެރިޔާ ހޮވާއިރު މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ހާފިޒުންގެ ބައިން 1 ވަނަ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

މި އަހަރުގެ މުބާރާތް ބާއްވާ ތާރީހު ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުން އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު، މީލާދީ ގޮތުން އުމުރުން 26 އަހަރު ނުފުރޭ (މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް ހަމަވާ) ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު އޮންނާނެކަން ފާހަގަކުރެވޭއިރު މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީގޮތުންކަންވެސް ފާހަގަކުރެވެއެވެ.

ވުޒާރާއިން ބުނީ މުބާރާތުގެ ގަވާއިދަށް މި ބަދަލުތައް ގެނެވިފައިވަނީ، ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު މުބާރާތުގެ ވާދަވެރިކަން އިތުރުކުރެވޭނެ ގޮތްތައް ބަލައި، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަގުސަދުގައި ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި