ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރޭ ކޮންގްރެސް ޕާޓީން ބޮޑުތިލަދުއްމަތީގެ ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ދާއިރާގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ މުހައްމަަދު އިސްމާއީލް ވިދާޅުވީ އެމްޑީޕީގެ ވެރިކަންތަކުގައި ރާއްޖޭގެ ހަރު މުދާ ރަހުނުކޮށް ރާއްޖެއިން ބޭރުން ބޮޑެތި އަދަދުތަކުން ލޯނު ނަގާފައިވާ ކަމަށެވެ. ނަމަވެސް ތަރައްގީއަށް މިއިން އެއްވެސް ވެރިކަމަކު ކޮށްދިން ކަމެއް ނެތްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
މުހައްމަަދު އިސްމާއީލް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އެމްޑީޕީގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ އިސް ފަރާތްތަކުން ދެކޮޅު ހަދަމުން ދަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށެވެ.
”ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ދެކޮޅު ހަދާތަން މި ފެންނަނީ މިހާރު. މިއީ ވެރިކަމުގެ ދަހިވެތި ކަމުގައި ކުރާކަމެއް. އެނޫން އެއްވެސް ކަމެއް ނޫން މިއީކީ.“ މުހައްމަަދު އިސްމާއީލް ވިދާޅުވިއެވެ.
ވެރިކަން ބޭނުންވެގެން އެމްޑީޕީގެ އިސް ބައެއް ވެރިން މިހާރު އުޅެމުންދާ ގޮތް ރައްޔިތުންނަށް ފެންނާނެކަން ފާހަގަކުރައްވާ މުހައްމަަދު އިސްމާއީލް ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ދިން ފަސް އަހަރުގެ ދެ ދައުރުގެ ތެރޭގައި މި ގައުމުގެ އަމާންކަމާއި ސުލްހަމަސަލަސްކަމާއި އިޖުތިމާއީ ފޭރާން ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި 2028 ގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ މައްސަލައިގައި ޕާޓީގެ އެތެރޭގައި މީގެ ކުރިންވެސް ހަމަނުޖެހުންތަކެއް ހުރި ކަން މުހައްމަަދު އިސްމާއީލް ވަނީ ފާހަގަކުރައްވާފައެވެ.





