ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅުތައް ވެވަޑައިގެންނެވީ، ރައްޔިތުންނާ މެދު އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯބި ސާބިތުކޮށްދެއްވުމަށް ކަމަށް ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުވަދޫ އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގެ ބިން ހިއްކުމާއި، ދޯނި އެހެލާ ސަރަޙައްދު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުގެ ޅަފަތުގައި ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާ އެކުގައިވެސް، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކުގެ އިތުރަށް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކާއި ކުރިއަށް އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނޭ މަޝްރޫއުތައް، ހިކުމަތްތެރިކަމާއި، ދުރު ވިސްނުންފުޅާއެކު ރައީސް ތަންފީޒު ކުރައްވަމުން ގެންދެވި ކަމަށެވެ. އަދި ދުނިޔޭގައި ހަނގުރާމަ ހިނގަމުންދާ މި ދަނޑިވަޅުގައިވެސް، އެ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް ކުރާ އަސަރުތައް ރައްޔިތުންނަށް އިހުސާސްވާ މިންވަރު ކުޑަކުރެއްވުމަށްވެސް، އިހުލާސްތެރިކަމާއި، ހިކުމަތްތެރިކަމާއެކު ރައީސް މަސައްކަތް ޕުޅުކުރައްވާކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ނައިބު ރައީސް އިއްޔެ ވަނީ، ފަރެސްމާތޮޑާގެ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްވެސް ފައްޓަވައިދެއްވާފައެވެ.





