މި ސަރުކާރުގެ އިސްލާހީ މަސައްކަތްތަކަކީ ޒާތީ ލުއިފަސޭހައަށް ކުރައްވާ ކަންކަން ނޫން ކަމަށާއި، އެއީ ގައުމީ މަސްލަހަތުގައި ކުރައްވާ މަސައްކަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓިވީގެ ޕްރޮގްރާމް ”އެސްޕްރެސޯ ވިތު ރައީސް“ ގައި ރޭ، ޒުވާނުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މި ސަރުކާރުގެ އިސްލާހީ އެޖެންޑާގައި ހިމަނުއްވައިގެން، ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ހުށަހަޅުއްވާ އިސްލާހުތަކާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައްޔިތުން ރައީސަކު އިންތިހާބު ކުރަނީ އެ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރެއްވުމަށް އެ ރައީސަކަށް އިތުބާރުކޮށްފައި ކަމަށާއި މި އިސްލާހުތަކަކީ ދުރާލާ ރޭވިގެން، ގައުމަށް އެންމެ ފައިދާ ހުރި ކަންކަން އިސްކުރުމުގެ ނިޔަތުގައި ހުށަހަޅުއްވައި ތަންފީޒު ކުރައްވަމުންގެންދަވާ ކަންތައްތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުމަށް ހުށަހަޅުއްވާ އިސްލާހާއި، އަންނަ މަހު ބާއްވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، މަޖިލީހުގެ އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުމަށް ހުށަހަޅުއްވާ އިސްލާހަކީ، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާގެ މައްޗަށް ބަރޯސާވާނޭ އިސްލާހެއް ނޫން ކަމަށާއި، ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވިޔަސް، މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން އިސްލާހުކުރެއްވުމަށްވެސް ހުށަހަޅުއްވަން ވިސްނަވާ ކަމަށެވެ. އަދި، މިހާރުއްސުރެވެސް، އެ ހުށަހެޅުންތަކާމެދު ފިކުރު ހިންގައި، އެ ކަންކަން ބައްޓަންކުރެވިދާނޭ ގޮތްތަކާމެދު ޒުވާނުންގެ މެދުގައި މަޝްވަރާކޮށް، ޒުވާނުންގެ އަޑު އިއްވުމަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ.





