ލ. ގަމުގައި ފުލުހުންނަށް ހާއްސަކޮށްގެން ގާއިމުކުރި އެކަމަޑޭޝަން އިމާރާތް ހުޅުވައިފިއެވެ.
ފުލުހުން ބުނީ ލ. ގަމުގައި ފުލުހުންނަށް ހާއްސަ އެކޮމޮޑޭޝަން އިމަރާތެއް ރަސްމީކޮށް ހުޅުވައިފައިވާ ކަމަށާއި، މިއީ އަތޮޅު ތެރޭގެ ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމާއި، ފުލުހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު މަޝްރޫއެއް ކަމަށެވެ.
ހަމައެހެންމެ މިކަމަށްޓަކައި އިއްޔެ ލ. ގަމުގައި ބޭއްވި ރަސްމިއްޔާތުގައި އެކޮމޮޑޭޝަން ހުޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓާ، އަލީ އިހްސާނުއެވެ. އަދި އެ މަނިކުފާނުގެ އަރިހުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީނިއާ އޮފިސަރުންނާއި އެކި ރޭންކުތަކުގެ ފުލުހުންވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ މި އިމާރާތަކީ ހަތަރު ބުރިއަށް އިމާރާތް ކުރެވިފައިވާ 50 މީހުންގެ ޖާގައިގެ އިމާރާތެއް ކަމަށެވެ. އަދި މަޝްރޫއު ކުރިއަށް ގެންދިޔައީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ވަސީލަތްތައް ތަރައްގީ ކުރުމަށްޓަކައި ގިނަ މަޝްރޫއުތަކެއް އަތޮޅު ތެރޭގައި ހިންގަމުންދާ ކަން ފާހަގަކުރެވެއެވެ.





