އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ތާއީދު ކުރައްވައިފިއެވެ.
އުއްޗުގެ އަރިހަށް ޖަލީލް ވަނީ އިއްޔެ ޗަމްޕާގިރިއަށް ޒިޔާރަތް ކުރައްވާފައެވެ. އަދި މި ޒިޔާރަތުގަައި އުއްޗު ޖަލީލް އެންޑޯޒްކުރައްވާ މާލެ ސިޓީގެ މޭޔަރުކަމަށް ޖަލީލް އިންތިހާބު ކުރުމަށް ތާއީދުކުރައްވާކަން ހާމަކޮށްފައިވެއެވެ. ހަމައެހެންމެ ވޯޓް ހޯދަން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް އުއްޗު ޖަލީލަށް ދެއްވާފައިވެއެވެ.
މި ބައްދަލުވުމުގައި އުއްޗު ދެއްކެވި ވާހަކަފުޅުގައި، މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ގައުމީ ހިދުމަތުގެ އެންމެ ފަހުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ ޖަލީލް ކަމަށާއި، ވަކިން ހާއްސަކޮށް ސިފައިންގެ ހިދުމަތުގައި ކެރުމާއި ހިތްވަރާއި ރީތި ނަމޫނާ ދައްކަވާފައިވާ ޖަލީލް ފަދަ ބޭފުޅުންގެ ހިދުމަތް މި ގައުމަށް ބޭނުންވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ގައުމީ ހިދުމަތުގައި އިތުބާރު ހިފެހެއްޓެވުމާއެކު މަސައްކަތް ކުރައްވާފައިވާ ޖަލީލް ފަދަ ބޭފުޅުން ގައުމުގެ ޒިންމާދާރު މަގާމު ތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަން ދެއްވާކަމަށްވެސް އުއްޗު ވަނީ ވާހަގަކުރައްވާފައެވެ.




