ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޜ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނީވާ ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުމާއި، ވުނަކުރުމާއި އަދި ތަރައްޤީގެ ބައިވެރިވުން ފުޅާކުރުމަށް ފުރުޞަތުތަކެއް ފަހިވަމުންދާ ކަމަށެވެ.
ދެ ޤައުމުގެ ގުޅުމުގެ އަސާސަކީ އެއް ޢަޤީދާއަކާއި، އެއްގޮތް އުޞޫލުތަކެއްގެ އިތުރުން، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި އިސްލާމީ ވަރުގަދަ އުޚުއްވަތްތެރިކަން ކަމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީގައި ސަޢޫދީން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޚާއްޞަ ގޮތެއްގައި 2004 ގެ ސުނާމީއާ ގުޅިގެން ދެއްވި އެހީތެރިކަމާއެކު މެދުނުކެނޑި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރައްވާފައިވެއެވެ.
ދެ ޤައުމުގެ ގުޅުމުގެ ތެރެއިން ޙާޞިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއްގެ ގޮތުން، ’ޗާޓަރު އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް‘ ގައި ސޮއިކުރެވިފައިވާކަން ރައީސް ފާހަގަކުރައްވާ ވިދާޅުވީ އެކްސްޕޯ 2030 ރިޔާޟްގައި ރާއްޖެއިން ބައިވެރިވުމަކީ ފަތުރުވެރިކަމާއި، ވުނަކުރުމާއި، އީޖާދީ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ފުރުޞަތެއް ކަމަށެވެ.
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ތަކުރާރު ކުރައްވާ ރައީސް ވަނީ މީގެ އިތުރުން، ޞުލްޙައާއި، ހަމަޖެހުމާއި، ތަނަވަސްކަން ޤާއިމުކުރުމުގެ އިތުރުން، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ޤައުމު ގުޅިގެން މެދުނުކެނޑި މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމާއި ބަދަހި ގުޅުމާއެކު، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާ ގުޅިގެން އަދަށްވުރެ ފާގަތި މުސްތަޤުބަލެއް ބިނާކުރެވޭނެކަމުގެ ޔަޤީންކަން ރައީސްވަނީ ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ސަފީރު ޔަޙްޔާ ޙަސަން އަލް-ޤަޙްޠާނީ ވަނީ ރައީސްއަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ޙަފްލާގައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ޒަމާންވީ ރަޙްމަތްތެރިކަމާއި ގުޅުން ދައްކުވައިދޭ ވީޑިއޯއެއްގެ އިތުރުން، ސަޢޫދީގެ ތަރައްޤީއާއި މުސްތަޤުބަލުގެ ތަޞައްވުރު ދައްކުވައިދޭ ވީޑިއޯތަކެއްވެސް ދައްކާފައިވެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރަމުންދަނީ ”އަވަރް ޕްރައިޑް އިޒް އިން އަވަރް ނޭޗަރް“ މި ޝިޢާރުގެ ދަށުންނެވެ.



