- އިސްތިހާރު -spot_img

ވިލުންވެށި ޕްރޮގްރާމް ކުންފުނިތަކަށް ހުޅުވާލަން ނިންމައިފި

ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކޮށް، އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ”ވިލުންވެށި“ ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ކުންފުނިތަކަށް ފުރުޞަތު ހުޅުވާލަން ނިންމާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވިލުންވެށި ގްރާންޓް ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ޕްރޮގްރާމަށް ލިބެމުންދާ ތަރުހީބު ރަނގަޅުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އިތުރު ޕްރޮޕޯޒަލްތަކަށް އަންނަ އަހަރު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު މި ޕްރޮގްރާމްގެ ދަށުން ވަކިވަކި ފަރުދުންނަށް 100,000 ރުފިޔާއާ ހަމައަށް މާލީ އެހީ ލިބޭއިރު، ކުރިއަށް އޮތްތަނުގައި ކުންފުނިތަކަށް ފުރުޞަތު ހުޅުވާލާނީ މާލީ އެހީގެ އަދަދު އިތުރުކުރުމަށް ފަހުގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޢަލީ ޝަރީފު ވިދާޅުވީ، ”އީޖާބީ ޕްރޮޖެކްޓުތަކަށް ހުޅުވާލާ ސަބަބަކީ، ވަރަށް ގިނަ ސްޓާޓްއަޕްތަކަށް އެބަތިބި ފުރުސަތަކަށް މަޑުކޮށްގެން. ކޮންމެވެސް ވަރެއްގެ އެސިސްޓެންސެއް ލިބިގެން ނޫނީ މުޖުތަމަޢުއަށް ނުނުކުމެވި،“ ކަމަށެވެ.
މިދިޔަ ޖޫން މަހު އިޢުލާންކުރި ވިލުންވެށި ގްރާންޓް ޕްރޮގްރާމަށް ލިބުނު ޕްރޮޕޯޒަލްތަކުގެ ތެރެއިން 150 ޕްރޮޕޯޒަލް އިވެލުއޭޓްކުރުމުގެ މަސައްކަތް، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އެސްއެމްއީ ބޭންކް ގުޅިގެން މިހާރު ދަނީ ކުރިއަށެވެ. މި މަރުހަލާ ނިމި، އެންމެ ޤާބިލު 50 ފަރާތް ހޮވައި، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ފަރާތްތައް އިޢުލާންކުރެވިގެންދާނެއެވެ.
އިވެލުއޭޝަން މަރުހަލާގައި ބޭންކް ބައިވެރިކުރާ ސަބަބު ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ، ”އެ ބޭންކް އިންވޯލްވް ކުރާ ސަބަބަކީ އެކިއެކި ފަންޑުތަކަށް އަޅުގަނޑުމެންގެ ހުރި ބޭންކްތަކުން އެބަ މަސައްކަތްކުރަން، ގްރީން ކްލައިމެޓް ފަންޑުގައި، އެކްރެޑިޓެޑް ޚިދުމަތަކަށް ހެދުމުގެ މަސައްކަތް. އެހެން ހަދާކަމަށް ވާނަމަ އަޅުގަނޑުމެންގެ ބޭންކްތަކުގައިވެސް ވަކި ސްޓޭންޑާޑެއް ހުންނަންޖެހޭ. އެހެންވީމަ މިކަމުގެ ތެރޭގައި އެ ފަރާތްތައް ބައިވެރިކޮށްގެން މަސައްކަތް ކުރިއަށްގެންދަނީ،“ ކަމަށެވެ.
ވިލުންވެށި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމާއި، ތިމާވެއްޓާ ރައްޓެހި އުސޫލުތަކުން ކާނާގެ ޔަޤީންކަން ކަށަވަރުކުރުމެވެ. މީގެއިތުރުން، އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަކީވެސް މި މަޝްރޫޢުގެ މުހިންމު އަމާޒެކެވެ.
spot_img

އެންމެފަސް

މި ލިޔުމާ ގުޅޭ
މި ލިޔުމާ ގުޅޭ