ފުވައްމުލައް ސިޓީގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްއްމަދު މުއިއްޒު ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވި ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އަމީން މުހައްމަދުއެވެ.
މި އެއްބަސްވުމުގެ ދަށުން އިސްލާމީ މަރުކަޒު އިމާރާތުގެ މަސައްކަތް ނިމިގެންދާއިރު އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއް ހިމެނޭނެއެވެ. މީގެ އިތުރުން ސޯލާ ހަރުކުރުމާއި އޭސީވެސް ހަރުކުރެވިގެންދާނެކަން ފާހަގަކުރެވެއްެވެ.
ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް އިސްލާމީ ހަރުދަނާ އަގުތައް ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި ދަމަހައްޓައި، ދީނީ އިލްމު ހޯދުމުގެ ފަސޭހަ މަގުތައް ހުޅުވައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫއަކީ ރައީސް ޑރ. މުއިއްޒުގެ ވައުދު ފުޅުގެ ތެރެއިން މުހިއްމު ވައުދުފުޅެކެވެ.
ފުވައްމުލަކު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެސިޓީއަށް މުހިންމުވެފައިވާ ހުރިހާ މަޝްރޫއެއް ނިންމަވައިދެއްވާނެ ކަމަށެވެ.





