ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިފަކުރެވެނީ ކުރިން އެއްވެސް ވެރިއަކަށް އަޅުއްވަން ކެރިވަޑައިނުގަތް ފިޔަވަޅުތަކެއް އެޅުއްވި ވެރިއެއްގެ ގޮތުގައިކަމަށް ސިއްހަތާއިބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އައްޑޫ ހުޅުދޫ އަދި މީދޫއަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅާއި ބެހޭ ގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ފާހަގަކޮށްލެވެނީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވަރަށް ހިތްވަރާއިއެކު މަސައްކަތްކުރައްވާ ވެރިއެއްގެ ގޮތުގައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަންނަ އޮތް ޖީލުތަކަށް ދުންފަތް މަނާ ކުރައްވާ ސިނގިރޭޓް ބޭނުންކުރުން ހުއްޓުވުމަށް ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީވެސް ބޮޑުކޮށްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން ގާނޫނުން މަނާ ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ރައްޔިތުން އަބަދުވެސް އެންމެ ބޮޑަށް އެދެނީ ސިއްހީ ނިޒާމު ރަނގަޅުވެ، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވުން ކަމަށެވެ. އަދި މިކަންކަމަށް ފައިސާ ފަހިކުރުމަށްޓަކައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު ބައެއް ކަނޑައަޅުއްވާފައިވަނީ ސިއްހީ ދާއިރާއަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ރައީސް ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭ ކަމެއް ކަމަށެވެ.
އަންނަން އޮތް ޖީލުތަކަށް ދުންފަތް މަނާކުރުމަށް ނިންމި ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށެވެ. އަދި މިކަމުން ދޭހަކޮށްދެނީ ރައީސްގެ ހިތްޕުޅުގައި ސިއްހީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް އޮތް ލޯތްބާއި އެކަމަށް ދެއްވާ ޚާއްސަ އަހަންމިއްޔަތުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ދައުރުގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނަނާނެކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.





