އައްޑޫ ހުޅުދޫ، މީދޫ އިދާރީގޮތުން ވަކިކުރުމަކީ އެ ދެރަށަށްވެސް ތަރައްގީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުޅުދޫ އަދި މީދޫއަށް ކުރެއްވި ދަތުރުފުޅުގައި ދެ ރަށުގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އިދާރީ ގޮތުން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ނިކަމެތިކަމާއި ބާކީކުރުމަށް ނިމުމެއް ގެނެވިފައިވާއިރު ރައްޔިތުންގެ އެދުމުގެ މަތިން އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ވައުދުފުޅުވެފައިވާނެ ކަމަށެވެ. އަދި ވީ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާއެކު ދެ ރަށް އައްޑޫ ސިޓީން ވަކިކުރައްވާފައިވާކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.
ރައީސް ވިދާޅުވީ ރަށުގެ ތަރައްގީގައި އެންމެ މުހިންމު ކަމަކީ އަސާސީ މުނިސިޕަލް ހިދުމަތްތަކާއި ރަށްވެހިކަމުގެ ހިދުމަތްތައް ރައްޔިތުންގެ ގާތުން ރައްޔިތުން ބޭނުންވާ ގޮތަށް ފަހިވެގެން ދިއުން ކަމަށެވެ. އެކަން ހާސިލްވެގެންދާނެ މަގު ފަހިވެފައިވާއިރު އަންނަ އަހަރު އިންތިހާބު ކުރެވޭ އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ކައުންސިލާއެކު ރައްޔިތުން އެދޭގޮތަށް އެ ހިދުމަތްތައް ދޭން ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ ރަށުގެ ތަރައްގީއަށް އިސްކަމެއް ދެއްވާ އަހަރުތަކެއްވަންދެން ބާކީ ކޮށްފައި ތިބި ބަޔަކަށް އިސްކަން ދިނުމަކީ ތަފާތު ކުރުމެއް ނޫން ކަމަށެވެ. އަދި އެއީ އެންމެން ހަމަހަމަކުރުމުގެ ސިޔާސަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުދޫ އަދި މީދޫއަށް ބޭނުންވާ ހިދުމަތްތައް ގާއިމުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ފައްޓަވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެ ރަށުގައި މުނިސިޕަލް ހިދުމަތް ދޭން ބޭނުންވާ ޖާގަ އިތުރުކުރަންޖެހޭ ނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.





