ފުވައްމުލައް އަދި އައްޑޫއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކާއި އައްޑޫގެ ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާ ގިނަ ކަންތައްތަކާއިބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާއިރު ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ސަރަހައްދީ ތަރައްގީއަށް ރައްޔިތުން ދެކޭ ތަސައްވުރު އޮޅުންފިލުއްވާފައިވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކުގައި ތައުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރު ފަދަ ތަފާތު ދާއިރާތަކުން ހިންގަވަން ނިންމަވާފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ވަނީ ފައްޓަވާ ދެއްވާފައެވެ.
ހަމައެހެންމެ އައްޑޫގައި ސިޓީގައި ކުޅިވަރާއި ހަށިހެޔޮކަމާއި، ތައުލީމާއި، ސިއްހަތާއި، އުމްރާނީ ތަރައްގީގެ އިތުރުން ދީނީ ވަހުދަތު، އަދި ދަތުރުފަތުރު ފަދަ ދާއިރާތަކުން ހިންގެވުމަށް ނިންމަވާފައިވާ ގިނަ އަދަދެއްގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އެކި މަރުޙަލާތައްވެސް އެމަނިކުފާނުވަނީ ފައްޓަވާ ދެއްވާފައެވެ. މީގެ އިތުރުން ދިވެހި ގައުމީ ދިފާއީ ބާރުގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ރައީސް ހުޅުއްވައިދެއްވެވިއެވެ.
މިދަތުރުފުޅުގައި ރައީސް އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާއިރު މަޝްރޫއުތަކާ ގުޅުންހުރި އަދާހަމަ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް މިދަތުރުފުޅު ފެއްޓެވީ މިމަހު 4 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަށްވެސް ވަޑައިގެންނެވިއެވެ. މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނުނު ދަތުރުފުޅެކެވެ.





