އދ. ގެ ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސްގެ (ކޮޕުއަސް) ގެ މެންބަރުކަން ރާއްޖެއިން ހޯދައިފިއެވެ
ޚާރިޖީ ވުޒާރާއިން ބުނީ މީގެ ސަބަބުން ރާއްޖެއަށް ބޭރު ޖައްވު ސުލްހަވެރި ގޮތުގައި ބޭނުންކުރުމާ ގުޅޭ ބައިނަލްއަގްވާމީ ގާނޫނީ އޮނިގަނޑު ބައްޓަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ޖައްވާ ގުޅޭ ސައިންސް އަދި ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ތަރައްގީ އާއި އީޖާދީ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތް ތަކުގައި ރާއްޖެއަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމަށެވެ.
އެވުޒާރާއިން ވަނީ މިއީ ރާއްޖެއަށް ބޭރު ޖައްވުގައި ބެހެއްޓިފައިހުރި އުޅަނދުތައް މެދުވެރިކޮށް ލިބޭ މައުލޫމާތާއި ޑޭޓާގެ އެހީގައި މޫސުމީ ބަދަލުތައް ދުރާލާ ފުންކޮށް ދެނެގަތުމާއި، ކަނޑުގެ ރައްކާތެރިކަން ހަރުދަނާ ކުރުމާއި، ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމާއި، ގުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ގާބިލުކަން ވަރުގަދަކުރުމަށް މަގު ފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަވެސް ކޮށްފައެވެ.
ކޮޕުއަސް އަކީ ބޭރު ޖައްވު ސުލްހަވެރިކަމާއެކު ދިރާސާކޮށް ބޭނުން ކުރުމުގެ މަގްސަދު ހާސިލްކުރުމަށްޓަކައި ގައުމުތަކުގެ ދެމެދުގައި ބައިނަލްއަގްވާމީ ގުޅުން ބަދަހި ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އދ. ގެ ކޮމިޓީއެވެ.




