”ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު“ ރޭ ހުޅުވައިފިއެވެ.
ރޭ ހުޅުވި މި މައުރަޒަކީ ތިނެއް ނޮވެންބަރުގެ އުދުވާނީ ހަމަލާގައި އެންމެ ފުރަތަމަ ޝަހީދުވި، ޝަހީދު ކޯޕްރަލް އަބްދުﷲ ޒުހައިރުގެ އުފަން ރަށް ކަމުގައިވާ ތިނަދޫ ސިޓީގައި ބާއްވާ މި މައުރަޒެކެވެ. އަދި މި މައުރަޒު ހުޅުވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
އެމްއެންޑީއެފް އިން ބުނީ މި މައުރަޒަކީ އާއްމުންނަށް ހުޅުވާލާފައިވާ މައުރަޒެއް ކަމަށެވެ. އަދި ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްގެދާ މި މައުރަޒު ހާއްސަކޮށްފައިވަނީ 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި ޝަހީދުވި ޝަހީދުންގެ ޒިކުރާ އާއި ދިވެހިންނަށް ލިބުނު ނަސްރާއި ކާމިޔާބީއަށް ކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.
ހަމައެހެންމެ މިމައުރަޒުން ރާއްޖެއަށް އެ ދުވަހުގެ އުދުވާނު ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަސްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތަކުގެ ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެހެން، އެ ދުވަހުގެ ފޮޓޯތަކާއި ކުރެހުންތަކާއި އަޑާއި މަންޒަރާއި އަދި ލިޔުންތައް ފެނިގެންދާނެއެވެ. އަދި ދިވެހި ސިފައިންނާއި ދިވެހިން ވީ ގުރުބާނީއާއި ދެއްކި ގަދަ ހިތްވަރުވެސް މި މައުރަޒުން ފެނިގެންދާނެކަން ފާހަގަކުރެވެއެވެ.
މި މައުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އިއްޔެއިން ފެށިގެން މިއަދު 9:00 އިން 12:00 އަށެވެ. އަދި މެންދުރުފަހު 14:00އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.
މި މައުރަޒު ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ހިލްމީ އާއި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީ އާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑާ، ކާނަލް މުހައްމަދު ޖަމްޝާދު އާއި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު އަޝްރަފާއި ނޮވެންބަރު ތިނެއްގެ ހާދިސާގައި ސިފައިންގެއިން ބޭރަށް ނިކުތުމަށް ދިޔަ 11 މީހުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަބްދުﷲ ނަސީމް (ތިނަދޫ ނަސީމް) އާއި ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްބޭފުޅުންނާއި ތިނަދޫ ސިޓީގެ ބައެއް މުއައްސަސާތަކުގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނަސްރުގެ ދުވަހުގެ މުނާސާބަތުގައި ބާއްވާ ސިފައިންގެ މައުރަޒުގެ އިތުރުން، މިއަދު ހަަވީރު 16:00 ގައި ތިނަދޫ ސިޓީ ސްޓޭޑި އަމުގައި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭ އާއި އާއިލީ ހަވީރެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެމްއެންޑީއެފްއިން ބުނީ މި ހަރަކާތްތަކުގެ މަގުސަދަކީ ޝަހީދުންނަށްޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަހުރާއި، މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމުގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުން ވެދެއްވި ގުރުބާނީތަކުގެ ހަނދާނާއި ޒިކުރާ އާކުރުން ކަމަށެވެ.





