ރަސްމީ ދަތުރުފުޅެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސައުދީއަށް ފުރާވަޑައިގަންނަވައިފި އެވެ.
އެމަނިކުފާނު ސައުދީއަށް ފުރާވަޑައިގެންނެވީ ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާ އާއި ބެހޭ ވަޒީރު ޑރ. ތައުފީގު ބިން ފައުޒާން އަލްރާބިއާ ދެއްވި ދައުވަތަކަށެވެ. ވަޒީރުގެ މި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ހައްޖު އަދި އުމްރާ އާއި ބެހޭ ވަޒީރާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސަރުކާރާއި ސައުދީ ސަރުކާރާއި ދެމެދު 1447 ވަނަ އަހަރުގެ ހައްޖު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލް އަޒީޒު އަލްޔަޙްޔާ އާއި ބައްދަލުކުރައްވައި، މައްކާ ރޫޓު އިނީޝިއޭޓިވް އާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ. އަދި ހައްޖު މިނިސްޓަރުންގެ ކޮންފަރެންސާއި ސައުދީ އަރަބިއްޔާގެ ހައްޖުގެ ވުޒާރާއިން ބާއްވާ ފަސް ވަަނަ ހައްޖު އެންޑް އުމްރާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައިވެސް ވަޒީރު ބައިވެރިވެލައްވާ ގޮތަށް ހަމަޖެހިފައިވެއެވެ.
1446 ވަނަ އަހަރުން ފެށިގެން ސައުދީ އަރަބިއްޔާއިން މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވާފައިވެއެވެ.




