ހަނިމާދޫ އެއާޕޯޓު އެހާ ހަލުވިމިނެއްގައި ނިންމީ ސަރަހައްދުގެ ރައްޔިތުންނަށް އަވަަސް މިނެއްގައި އިގްތިސާދީ ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިންވެސްޓަރުން މި ސަރަހައްދަށް ގެނެސްދެއްވާ އާމްދަނީގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުވަނީ މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށް އިލްތިމާސްވެސް ކުރައްވާފައެވެ.
”މިއީ ވަރަށް ބޮޑު ރަނުގެ ފުރުސަތެއް. މިއީ ފުން، ފުޅާ ރަނުގެ ފުރުސަތެއް. ހުރިހާ ދާއިރާއަކުން މި ސަރަހައްދުގެ. ސަރުކާރުން މިއޮތީ ތައްޔާރަށް ހުރިހާ ގޮތަކުން ކަންތައްތައް ފަހިކޮށްދެވޭނެ ހުރިހާކަމެއް ކޮށްދޭން،“ ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ މި އެއާޕޯޓަކީ ހަމައެކަނި ”އެއާޕޯޓެއްގެ އިންފްރާސްޓްރަކްޗާ“ އެއް ނޫން ކަމަށާއި މިއީ ބޮޑުތިލަދުންމަތީގައި ހިމެނޭ ހުރިހާ އަތޮޅެއްގެ ރައްޔިތުންގެ ތަރައްގީގެ ދޮރާށިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ހދ. އަތޮޅު ހިމެނޭ ބޮޑުތިލަދުންމަތީގައި އެކަށީގެންވާ ވަރަށް ފަތުރުވެރިކަން ގެނެވިފައި ނެތްކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ނަމަވެސް ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް މި ސަރަހައްދަށް ޓޫރިޒަމް ފުޅާ ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.





