ދިވެހި ރައްޔިތުން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރަގީގެ އުޖާލާ ދުވަސްތަކެއް މި ގައުމަށް ހޯއްދަވާދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަ ކުރައްމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވަނީ ޖުމްހޫރީ ދުވަހުގެ އިހްލާސްތެރި ތަހުނިޔާ އާއި ހެޔޮ އެދުންތައްވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މި ލޮބުވެތި ދިވެހި ގައުމު ބާއްޖަވެރިކަމާއި ފާގަތި ކަމުގައި އަބަދުމެ ލެހެއްޓެވުން އެދި ދުއާވެސް ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯއްދަވާދެއްވާ، ރައްޔިތުން އެދޭ އަމާޒުތައް ހާސިލްކޮށް ދިނުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ދާނީ މާތްﷲގެ ހަޒްރަތުން ވާގި އެދި ތިބެ ކަމަށެވެ.
”މި ސަރުކާރުން ފެށި ދަތުރުގައި އަޅުގަނޑުމެން ކުރިއަށް ދާނީ މާތްﷲގެ ހަޒްރަތުން ވާގި އެދިތިބެ، އިހްލާސްތެރިކަމާއެކު. ދިވެހިރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވަމުން،“ ރައީސް ވިދާޅުވިއެވެ.
ޖުމްހޫރީ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހެވެ. މި ދުވަހަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމުކުރެވުނު ދުވަސް ކަމަށްވާއިރު ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ގާއިމު ކުރެވުނުތާ މިވަނީ 57 އަހަރު، ފުރިފަކަން ފާހަގަކުރެވެއެވެ.





