ރަސްމާލެއިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށާއި ގިނަ ދުވަހެއްނުވެ، މާލެ ސަރަހައްދުގައި 7000 ފްލެޓް އަޅަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް މަހުގެ ތެރޭގައި ރަސްމާލެ ހިއްކުމުގެ ސްޕީޑް ތިން ގުނަ އިތުރުކުރައްވާ، މި މަޝްރޫއުގެ ސްޕީޑް އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ގެނައުމަށް އެގްރިމަންޓްކޮށްފައިވާނެ ކަމަށެވެ. އަދި މިކަމަށްޓަކައި ދައްކަންޖެހޭ ފައިސާވެސް މިހާރު ދެއްކިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރަސްމާލެއިން 1100 ހެކްޓަރުގެ ބިން ހިއްކަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ގެނުވާނެ މަސައްކަތެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ފަސް މަސް ތެރޭ އެ ބިމުން 15000 ގޯތި ދެވޭ މިންވަރަށް ހިއްކާނެ ކަމަށެވެ. އެ ގޯތިތަކަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމުގެ ތަފްސީލްތައް ވަރަށް އަވަހަށް ރައްޔިތުންނާއި ހިއްސާކުރައްވާނެ ކަމަށެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ބޯހިޔާވަހިކަން ދޭނީ އެންމެ ބޭނުންޖެހިފައިވާ އަދި ”އާއިލީ ބޯހިޔާވަހިކަން“ގެ ކޮންސެޕްޓަށްކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުވާލާނީ މާލޭގެ ރައްޔިތުންނާއި މާލެ ސަރަޙައްދުގައި ދިގު މުއްދަތަކަށް ދިރިއުޅެފައިވާ މީހުންނަށް ހާއްސަ ކެޓަގަރީތަކުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލެ ސަރަޙައްދުގައި ކުރިއަށް މިއޮތް ދޮޅުމަހެއްހާ ދުވަހު ތެރޭގައި 3000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް، އުސޫލުތަކު ގެތެރެއިން ކޮންޓްރެކްޓަރުންނާ ހަވާލުކުރައްވާނެ ކަމަށެވެ. އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 4000 ހައުސިން ޔުނިޓް ތަރައްގީކުރުމާ ގުޅޭ މަސައްކަތްވެސް މިހާރު ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޖުމްލަ 7000 ހައުސިން ޔުނިޓްގެ މަސައްކަތް، މާލެ ސަރަޙައްދުގައި ވަރަށް އަވަހަށް އަމަލީ ގޮތުން ފަށްޓަވާނެ ކަމަށެވެ.
އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް، 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބޭނެކަން އެމަނިކުފާނުވަނީ ޔަގީންކޮށްދެއްވާައެވެ.





