އިންޑިއާގެ ދިއްލީގައި ހުންނަ ރެޑް ފޯޓުގެ ކައިރީގައި ރޭ ހިނގި ނުރައްކާތެރި ހާދިސާގައި ބަޔެއްގެ ފުރާނަ ގެއްލުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ތައުޒިޔާ ވިދާޅުވީ މި ހާދިސާއާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވަނީ މި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލުނު ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއިއެކު ކަން ފާހަގަކުރައްވާފައެވެ. އަދި މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގެންފައިވެއެވެ.
ހަމައެހެންމެ މި ހިތާމަވެރި ދަނޑި ވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާ އެކުގައިކަންވެސް ރައީސްވަނީ ވިދާޅުވެފައެވެ.
ދިއްލީގައި އިއްޔެ ދިން ހަމަލާގައި މަދުވެގެން އަށް މީހުން މަރުވެފައިވާއިރު 20 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވެއެވެ. މި ހަމަލާ ދީފައިވަނީ ކޮންބައެއްކަން މިހާތަނަށް އެނގިފައެއް ނުވިނަމަވެސް އެގައުމުގެ ފުލުހުން ވަނީ އެއީ ނިރުބަވެރި ހަމަލާއެއް ކަމަށް ސިފަކޮށްފައެވެ.
މި ހާދިސާ ހިނގުމުގެ ކުރިން އެ ސަރަހައްދުން ގޮވާ ތަކެތިތަކެއް ފެނިފައިވާކަމަށް ރިޕޯޓްތަކުން މައުލޫމާތު ލިބެއެވެ. އަދި މި ހާދިސާގެ ކުރިން މާސްކު އަޅައިގެން ހުރި މީހަކު ވެހިކަލެއް ދުއްވާފައިދާ މަންޒަރު ފެނިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މިހާދިސާގައި ތުހުމަތު ކުރެވޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް އާއްމުކޮށްފައިވެސް ވެއެވެ. އަދި ރިޕޯޓްތަކުން މައުލޫމާތު ދީފައިވާ ގޮތަށް ބަލާއިރު އެއީ ޖައްމު ކަޝްމީރަށް ނިސްބަތްވާ 36 އަހަރުގެ ޑރ. އުމަރު މުހައްމަދު ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާއަކީ އަލް ފަލާހް މެޑިކަލް ކޮލެޖުގެ ޑޮކްޓަރެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ މި ހަމަލާދިން މީހާ ހައްޔަރުކޮށް އަދަބުދޭނެ ކަމަށެވެ.




