ތިލައުތުރު ފުޓުސަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފެވެ. އެމަަނިކުފާނަށް އުތީމު ފުޓްބޯޅަ ދަނޑުން މަރުހަބާ ދެންނެވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގާއި އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އެފަދަ މުބާރާތެއް އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދިއުމަކީ، ކުރިޔަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަަދ މިއީ ވަރަށް ބޮޑު އިޖުތިމާއީ ހަރަކާތެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މި މުބާރާތަކީ ކުޅިވަރުގެ އިތުރަށް އިގުތިސާދީ މަންފާތަކެއްވެސް ލިބިގެންދިޔަ މުބާރާތެއް ކަންް ފާހަގަކުރައްވާ ނައިބު ރައީސްް ވަނީ މުބާރާތް ރާވައި ދެއްވިކަމަށްޓަކައި އަތޮޅު ކައުންސިލަށް ޝުކުރުވެސް އެމަނިކުފާނު އަދާކުރެއްވެވިއެވެ.
ނައިބު ރައީސް ވަނީ މިފަދަ މުބާރާތްތައް ހިންގުމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވަވާފައެވެ.
މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކޮށްފައިވަނީ މުރައިދޫ ޓީމާއި، އުތީމު ޓީމެވެ. އަދި މި މެޗުގެ ޗެމްޕިއަށްކަން ހޯދާފައިވަނީ އުތީމު ޓީމެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ތާޖު އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް އަދި ޓްރޮފީ ދެއްވީ ނައިބު ރައީސްއެވެ.




