ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހައުސިން ސަބްސިޑަރީ ކުންފުނި މެދުވެރިކޮށް މާލެ ސަރަހައްދުގައި 3000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓުގެ މެނޭޖިން ޑިރެކްޓާ ހަސަން ޝާމެވެ.
މި 3000 ހައުސިން ޔުނިޓުގެ އެއްބަސްވުމުގެ ދަށުން ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާނީ ވިލިމާލެ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް ގައެވެ. އެގޮތުން ވިލިމާލޭގައި ގާއިމުކުރުމަށް ސޮއިކުރެވިގެން ދިޔައީ 300 ހައުސިން ޔުނިޓް އެވެ. އަދި ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގައި ޖުމްލަ 2700 ހައުސިން ޔުނިޓު ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޝަރީފް ވިދާޅުވީ މި ސްކީމްގައި ރާއްޖޭގެ ހުރިހާ ބޭންކުތަކުން ބައިވެރިވުމަށް ލާޒިމުކުރާ ކަމަށެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން މިކަމުގައި ޒިންމާދާރުކަމާއެކު އިސްނަގަންޖެހޭކަން ދެކެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން މަސައްކަތްތައް ހަލުވިކޮށް، އެމްއެމްއޭގެ ހުއްދައާއެކު މިކަމަށް ހާއްސަ ސަބްސިޑަރީ ކުންފުންޏެއް އުފައްދަން ނިންމެވިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މި ސްކީމްގައި ކުރިއަށްގެންދާނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނިން ހައުސިން ޔުނިޓް ތަރައްގީކޮށް ކުއްޔަށްދީ، ފައިސާ ހަމަވުމުން އަމިއްލަ ކުރެވޭގޮތަށް ކަމަށެވެ.
”މިގޮތަށް ދިނުމުގެ ސަބަބުން ލޭންޑް ކޮސްޓް، ފައިނޭންސް އަދި ޑިވެލޮޕްމަންޓް ކޮސްޓް ވަރަށް ބޮޑަށް ކުޑަވޭ އެބަ. އެހެންވީމަ ކުއްޔަށް ދޫކުރެވޭ އަގުތައްވެސް ވަރަށް ބޮޑަށް ކުޑަކުޑަކުރެވޭނެ. މީގެ ތަފްސީލްތައް ހާމަކުރާނަން.“ ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސަރުކާރުން ބިންދޭގޮތަށް މި މޮޑެލްގައި ސްކީމް ކުރިއަށްގެންދިއުމާއިއެކު ބޭންކަށް އަދި ކުއްޔަށް ނަގާ މީހާއަށްވެސް ބޮޑެތި ލުއިތައް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލްއަކީ މަސައްކަތްތައް އަވަހަށް ނިންމާ ނަތީޖާ ނެރޭ ކުންފުންޏެއްކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ މި މަސައްކަތްވެސް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ނިންމަވާނެ ކަމަށެވެ.




