ރ. އިންނަމާދޫގައިި އަލަށް ގާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި، ހިދުމަތް ދޭން ފަށައިފިއެވެ.
މި މަރުކަޒު ހުޅުވާދެއްވީ ރޭ އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންހެ ހިދުމަތް ގާއިމުކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފުލުހުންނަށް ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދެވި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ނަވީނު ވިދާޅުވިއެވެ.
މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ ނަވީނު ވިދާޅުވީ މި ހިދުމަތްތައް ދިވެހި ކޮންމެ ރައްޔިތަކަށްވެސް ފޯރުކޮށްދިނުމަކީ ފުލުހުންގެ މުޖުތަމައުތަކާއި ގުޅިގެން މަސައްކަތްކުރާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ.
”މީގެ ފަހަތުގައި ވަނީ ކޮންމެ މުޖުތަމައުއެއްގައިވެސް ސަލާމަތާއި އިންސާފާއި އިތުބާރު ރަމްޒުކޮށްދޭ ފަދަ ފުލުހުން ތިބޭކަން.“ ނަވީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހާއްސަ ފޮތެއް ލޯންޗުކޮށްފައިވެއެވެ. މިފޮތް ލޯންޗުކޮށްދެއްވީވެސް ވަޒީރު އިހުސާންއެވެ. ހަމައެހެންމެ މި ރަސްމިއްޔާތުގެ ތެރެއިން މި މަސައްކަތުގައި އެހީތެރިވި ފުލުހުންގެ ހިދުމަތުގެ ބަހާތަކުގެ މުވައްޒަފުންގެ ތެރެއިން ޖުމްލަ 13 ފަރާތަކަށް ހަނދާނީ ލިޔުމެއްވެސް ހަވާލުކުރެވިފައިވެއެވެ. އަދި ފުލުހުންގެ ހިދުމަތް ހުރިހާ ރަށެއްގައި ގާއިމުކޮށްދެއްވުމަށް ވަޒީރު ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކޮށް އެމަނިކުފާނަށް ވަނީ ހާއްސަ ޕްލާކެއްވެސް އަރުވާފައެވެ.
އިންނަމާދޫގައި ގާއުމުކުރި މަރުކަޒަކީ މިއަހަރުގެ ޖަނުއަރީ މަހުގެ 23 ވަނަ ދުވަހު ބިންގާ އެޅިގެން ގޮސްފައިވާ މަރުކަޒެކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ހިދުމަތް ގާއިމްކުރެވިފައިވާކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ، މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ.





