ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ގްރޭޓާ މާލެ ސަރަހައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ)ގެ ގޭބިސީތަކަށް ދޫކުރުން ކުރިއަށްދަނީ މާދަމާގެ ނިޔަލަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މީގެ ކުރިން ބުނެފައިވަނީ މާދަމާގެ ފަހުން ކުރިއަށް ގެންދާނީ މިފްކޯ ފިހާރައިން ކަމަށެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް އެ ވުޒާރާއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
އެ ވުޒާރާއިން ބުނީ މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުން ދާނީ މާދަމާގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 8:30 އިން 11:00 އަށް ކަމަށެވެ. އަދި މަސްދަޅު ކޭސް ދޫކުރާ ސުންގަޑިއަކީ މަދަމާ ރޭގެ 11:00 ގައި ކަމަށްވެސް އެވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
މިހާތަނަށް މާލެ ސަރަހައްދުގައި 43،923 މަސް ދަޅު ކޭސް ދޫކޮށްފައިވާއިރު މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 ކަން އެ ވުޒާރާއިން ބުންޏެވެ. އަދި މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންކަމަށްވެސް ވުޒާރާއިން ބުންޏެވެ.
މާލޭ ސަރަހައްދުގައި 14 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރަމުންދާނެއެވެ. އަދި މަސްދަޅު ކޭސް ހޯދުމަށް ޓޯކަން ލިބިވަޑައިގަންނަވާނީ https://roadhahadhiya.mv/dv ޕޯޓަލް މެދުވެރިކޮށެވެ.
އެ ވުޒާރާއިން ވަނީ ފަހު ވަގުތަށް މަޑުނުކުރައްވާ އަވަހަށް މަސްދަޅު ކޭސް ބަލައި ދުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ބުނެފައެވެ.





