- އިސްތިހާރު -spot_img

”ފުލުހުންގެ ފަސްމަންޒުން، ހިދުމަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ދައްކުވައިދޭ“

ދިވެހި ފުލުހުންގެ ހިދުމަތުގެ ފަސްމަންޒުން، ފުލުހުންގެ ހިދުމަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ދައްކުވައިދޭ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝިފާން މިފަދައިން ވިދާޅުވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާއިން ގެނެސްދިން ހާއްސަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިފާން ވަނީ މަދަނީ ހިދުމަތެއްގެ ގޮތުގައި ވަކި މުއަައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުވުމާ ގުޅިގެން 2004 އިން 2007 ވަނަ އަހަރާ ދެމެދު، ފުލުހުންގެ ހިދުމަތެއްގައި ހުންނަންވާނޭ ހުރިހާ ބަހާތަކެއް ހަމަކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު އަހަރުތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ފުލުހުންގެ ހިދުމަތަކީ ޒަމާނީ، ޕްރޮފެޝަނަލް އަދި ރައްޔިތުންނާ ގާތުން ދެވޭ ހިދުމަތަކަށް ހެދުމަށްޓަކައި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައިވާކަމީ، މި ހިދުމަތުން ހާސިލުކުރެވިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއް އަދި ކުރިއެރުމެއް ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިއީ ކުށްވިޔަ ނުދިނުމަށް ނުވަތަ ޕްރިވެންޓިވް ޕޮލިސިންގެ ތެރެއިން ފުލުހުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ.

ޝިފާން ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތަކީ އަމިއްލަ ޓެކްނޮލިޖިކަލް އިންފްރާސްޓްރަކްޗާ ސިސްޓަމެއް ގާއިމުކޮށް، އެ ވަސީލަތުގެ ތެރެއިން މުޖުތަމައަށް ހިދުމަތް ދެމުން ގެންދާ މުއައްސަސާއެއް ކަމަށާއި، ރައްޔިތުންނަށް ބޭނުންވާނޭ އެހީތެރިކަމާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި މުއައްސަސާތެރޭގައި ބޭނުންކުރެވޭ އުމްރާނީ ވަސީލަތްތަކަކީ އެންމެ އެކަށީގެންވާ، އަދާހަމަކޮށްފައިވާ ވަސީލަތްތަކަކަށް ހެދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް މި މުއައްސަސާއިން ކުރަމުންދާ ކަމަށެވެ.

އެގޮތުން، އަމިއްލަ ރޭޑިއޯ ސިސްޓަމް، އިންފޮމޭޝަން ކޮމިއުނިކޭޝަން ސިސްޓަމް، ކޭސް މޮޑިއުލްގެ އިތުރުން އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މުއާމަލާތްތައް ކުރުމަށް ސިސްޓަމްތައް ގާއިމުކުރެވި، އެ ސިސްޓަމްތަކުގެ ބޭނުންކުރަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމަކާއި އަވަސްކަމެއް ލިބިދީފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ. އަދި މިހާރު ތައާރަފުކޮށްފައިވާ ޕޮލިސް އެޕް މެދުވެރިކޮށް ފުލުހުންގެ ހިދުމަތް ހޯދުމަށް ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، މިހާރު ދިވެހި ފުލުހުންގެ ހިދުމަތުގެ ގާތްގަނޑަކަށް 75 އިންސައްތަ މީހުންނަކީ ޒުވާނުން ކަމަށެވެ. އަދި މި ހިދުމަތަކީ ޒުވާނުންގެ ވިސްނުމާއި ތަސައްވަރުގެ މައްޗަށް ބިނާވެ، ޒުވާނުންނަށް ފަހި މުއައްސަސާ އެއްކަން ފެނިގެން ދާ ކަން ފާހަގަކުރައްވާ ޝިފާން ވިދާޅުވީ ކުރިމަގުގެ ތަސައްވަރު ބައްޓަންކުރުމުގައިވެސް ޒުވާނުންގެ ދައުރު ބޮޑު މުއައްސަސާއެއް ކަމަށެވެ. ޝިފާން ވިދާޅުވީ ޒުވާނުން މި ހިދުމަތުގެ ތެރެއަށް އައިސް، މި ނިޒާމަކީ ޒުވާން، ހުނަރުވެރި، ޖޯޝް ހުރި ހިދުމަތެއްގެ ގޮތުގައި ތަރަށްގީކުރެވޭނީ މި ހިދުމަތުގެ އެކިއެކި ދާއިރާތަކަށް ޒުވާނުން ކުރިމަތިލައިގެން ކަމަށެވެ. އަދި ޒަމާނީގޮތުން ވިސްނުންހުރި ކޮންމެ ޒުވާނަަކަށް ވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ ތެރޭގައި ވަރަށް ފަހި ފުރުސަތުތަކެއް ހުރިކަމަށް ޝިފާން ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި