ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިންގެ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ބައިވެރިވެވަޑައިގަންނަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ ކިބައިގައިވާ ފުރިހަމަ ޤާބިލިއްޔަތުކަން ބޭނުންކޮށް، މުސްތަޤުބަލުގެ ލީޑަރުންގެ ގޮތުގައި އެ ކުދިން ބިނާކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމަށް މި ސަރުކާރުން އިސްކަންދެއްވާ ކަމަށެވެ. އަދި ރައްކާތެރި އަދި އެހީތެރި މާޙައުލެއްގައި ޤައުމީ ތަރައްޤީގައި އެ ކުދިންނަށް މާނަ ހުރި ދައުރެއް އަދާކުރެވޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވެސް ރައީސްވަނީ ދެއްވާފައެވެ.
”މިފަދަ މުހިންމު ލަނދުދަނޑިތަކެއް ޙާޞިލުކުރުމަށްޓަކައި، އާއިލާތަކާއި މުޖުތަމަޢުތަކުގެ އިތުރުން ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭހެން މުޅި މުޖުތަމަޢު އެކުގައި މަސައްކަތްކުރުން ކޮންމެހެން ބޭނުންތެރިއެވެ. މިއަދު އަޅުގަނޑުމެންގެ އަންހެން ދަރިންނަށްޓަކައި ކުރާ އިންވެސްޓްމަންޓަކީ، އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއި، ފުދުންތެރިކަމާއި، އުޖާލާ މުސްތަޤުބަލެއް ކަށަވަރުކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ.“ރައީސް ވިދާޅުވިއެވެ.
ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހިތްވަރާއި، ޢަޒުމާއި، ނުހަނު ބޮޑު ޤާބިލުކަން ފާހަގަކުރައްވާ ކަމަށެވެ. އަދި އަންހެން ކުދިންނަކީ މުޖުތަމަޢަށް ހެޔޮ ބަދަލުތައް ގެނެސްދޭ، އައު އީޖާދުތަކާއި އިސްނެގުންތަކުގެ މޭސްތިރިންކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ އެ ކުދިންގެ އަޑާއި، ހުނަރާއި، ލީޑަޝިޕަކީ ބަދަހި އަދި ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަމެއް ކަމަށެވެ.
”އަންހެން ކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި އެކުދިންގެ އަމިއްލަ ދިރިއުޅުމަށް އަންނަ ބަދަލެއް ނޫނެވެ؛ އެއީ މުޅި ޤައުމުގެ މުސްތަޤުބަލު ބިނާކުރުމެވެ. ތަޢުލީމީ ދާއިރާއާއި، ޢާންމު ޚިދުމަތްތަކާއި، ވިޔަފާރިއާއި، ކުޅިވަރުގެ އިތުރުން އިޖުތިމާޢީ އިސްސަފުތަކުގައި ދިވެހި އަންހެން ކުދިންނާއި ޒުވާން އަންހެނުން ދައްކަމުންދާ ފާހަގަކޮށްލެވޭ ކުރިއެރުންތަކަށް ދިވެހިރާއްޖެ ހެކިވެއެވެ. އެކުދިންގެ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކާއި ހޯދުންތަކަކީ، ވަރުގަދަ އަދި ދެމެހެއްޓެނިވި ޤައުމެއް ބިނާކުރުމުގެ އަސާސެވެ.“ ސާޖިދާ ވިދާޅުވިއެވެ.



