ސައޫދީ އަރަބިއްޔާގެ ރިޔާޒްގައި ހުންނަ ކިންގް ޚާލިދު އިންޓާނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ސައޫދީ އަރަބިއްޔާގެ ރިޔާޒްގައި ހުންނަ ކިންގް ޚާލިދު އިންޓާނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް، އިއްޔެ ހޫތީ ހަނގުރާމަވެރިން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މި ހަމަލާގެ ސަބަބުން އާންމުންގެ އެތައް ބައެއްގެ ފުރާނަ ގެއްލި، ސަތޭކައަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އާންމު ރައްޔިތުންނާއި ގައުމީ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސައޫދީ އަރަބިއްޔާއާއި މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްކަން ބަޔާންކޮށް ވުޒާރާއިން ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސައޫދީ ސަރުކާރަށާއި ރައްޔިތުންނަށް، އަދި މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް އިޚްލާސްތެރި ތައުޒިޔާ ރައްދުކޮށްފައެވެ.
”އަދި އަނިޔާލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެމެވެ. ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސައޫދީ އަރަބިއްޔާއާ އެކުކަން ހާމަކުރަމުން، އެ ގައުމުގެ ސިޔާދަތާއި، އިސްތިގުލާލާއި، ރައްޔިތުންގެ ރައްކާތެރިކަން ދެމެހެއްޓުމަށް ސައޫދީ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެކަމުގެ ޔަގީންކަން އަރުވަމެވެ.“ ވުޒާރާއިން ބުންޏެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ވަރުގަދަ ހަމަލާގައި މިހާތަނަށް 12 މީހުން މަރުވެ، 309 މީހުން ޒަޚަމްވެފައިވާއިރު މިއީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެ ޤައުމަށް ދީފައިވާ އެންމެ ނުރައްކާތެރި ހަމަލާއެއް ކަމަށް ބައެއް ރިޕޯޓްތަކުން ބުނެއެވެ.



