ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން އިންތިޒާމު ކޮށްގެން، ފަތުރުވެރިކަމާއި ޖިއޮގްރަފީގެ ދެމެހެއްޓެނިވިކަމާ ގުޅޭގޮތުން ބޭއްވި ހާއްސަ މަސައްކަތު ބައްދަލުވުމެއްގައި އިޓަލީގެ ޔުނިވާސިޓީގެ ދަރިވަރުން ބައިވެރިވެއްޖެ އެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ބައިވެރިވީ އިޓަލީގެ ޔުނިވާސިޓީ އޮފް މިލާނޯ-ބިކޯކާގެ ދަރިވަރުންތަކެއް ކަމަށެވެ.
އެ ވުޒާރާއިން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ސިޔާސަތުތައް ތަންފީޒު ކުރަމުންދާ ގޮތާއި، މި ސިނާއަތުގެ ކުރިމަގަށް ރޭވިފައިވާ މުހިންމު ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގުވާމީ ދަރިވަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ބައްދަލުވުމުގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) ގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވާކަމަށް އެވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު އިޓާލީ ޔުނިވާސިޓީގެ ދަރިވަރުންނަށް ހިއްސާ ކޮށްފައިވާއިރު ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުމުގެ ތެރެއިން، ޔުނިވާސިޓީގެ ދަރިވަރުންގެ ފަރާތުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކުރުމަށް ބޭނުންކުރެވިދާނެ އައު އަދި އީޖާދީ ހިޔާލުތަކެއް ހުށަހަޅާފައިވާ ކަމަށެވެ.



