ކޮޅުވެއްޓި، ބާޖު، ޓަގް ދުއްވުމުގައި އިތުރަށް ސަމާލުވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއިބެހޭ ވުޒާރާއިން އިލްތިމާސް ކޮށްފިއެވެ.
އެ ވުޒާރާއިން ވަނީ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ކޮޅުވެއްޓި، ބާޖު، ޓަގް ފަހަރު އޮޕަރޭޓް ކުރުމުގައި އިތުރަށް ސަމާލުވުމަށް އެދިފައެވެ. މި ގޮތަށް އެ ވުޒާރާއިން އިލްތިމާސްކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި އޮތް އާގުބޯޓަކުން ބޭލި ދެ އެކްސްކަވޭޓަރެއް އެރުވި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެ މީހަކު ނިޔާވި ހާދިސާއާ ގުޅިގެންނެވެ.
މި ހާދިސާއާއި ބެހޭ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާފައިވާ ތަހުގީގު ރިޕޯޓުގައި ބުނީ ކޮޅުވެއްޓި ދުއްވަން ހުރީ އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށެވެ. އަދި ކޮޅުވެއްޓި ބަންޑުން ޖަހާލީ އޭނާ އެދިގެން އެކްސްކަވޭޓަރެއް އެއް ފަރާތަކަށް ޖެއްސުމުން ކަމަށެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއިބެހޭ ވުޒާރާއިން ބުނީ ކޮޅުވެއްޓި، ބާޖު، ޓަގްފަހަރު އޮޕަރޭޓް ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ. އަދި ކޮޅުވެއްޓި، ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރަމުން ގޮސްފައިވަނީ އެކަމުގެ ކެޕޭ ސިޓީ ނެތް ކެޕްޓަނުންކަން ފާހަގަ ކޮށް އެ ވުޒާރާއިން ބުނީ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދު ފަހަރުގައި ކެޕްޓަނުންގެ ގޮތުގައި މަސައްކަތް ކުރެވޭނީ ކަނޑު ދަތުރުކުރާ އުޅަނދު ފަހަރަށް މުދާ ބަރު ކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވާއިދުގައި ބުނާ ޝަރުތުތައް ފުރިހަމަ ވާ ކެޕްޓަނުންނަށް އެކަނި ކަމަށެވެ.
އެ ވުޒާރާއިން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ އަދި އޮޕަރޭޓު ކުރާ ކޮޅު ވެއްޓި، ޓަގް، ބާޖު ފަދަ އުޅަނދުތައް ކެޕޭ ސިޓީގެ ކެޕްޓަނުން އެ އުޅަނދު ފަހަރު ދުއްވައި އަދި އޮޕަރޭޓް ކުރުމަށާއި، އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނު ގެއްލޭނެ ގޮތަށް ބަރު ކުރުމާއެކު މުދާ ރަނގަޅަށް ލޭޝް ކޮށްގެން ދަތުރަށް ފެށުމަށް ސަމާލުކަން ދިނުމަށްވެސް އިލްތިމާސްކޮށްފައެވެ
މިފަހަކަށް އައިސް ކަނޑުމަތީގައި މިފަދަ ނުރައްކާ ތެރި ހާދިސާތަކެއް ހިނގާފައިވެއެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު ހިނގި ހާދިސާގައި މަރުވެފައިވަނީ ދިވެއްސަކާއި ބިދޭސީއެކެވެ.



