ރ. ވާދޫ އިން ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު އިގްބާލް މިހާރު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި، އިގްބާލް ފެނިފައިވަނީ މިއަދު ހެނދުނު 06:53 އެހައިކަންހާއިރު، އޭނާ ދަތުރު ކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި އުޅަނދު އައްސައިގެން އޮއްވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ އޭނާ ފެނިފައިވަނީ، ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ރ. ވާދޫން ނުކުތް ބަޔަކަށް ކަމަށެވެ. އަދި މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، ހޯދުމުގެ މަސައްކަތުގައި އެކި ގޮތް ގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ ރޭ 8:40 ހާއިރުއެވެ. ފުލުހުން ބުނީ އޭނާ ކަނޑުމައްޗަށް ނިކުމެފައިވަނީ އިއްޔެގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ ނުކުތީ ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި، ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށްވެސް މައުލޫމާތު ލިބެއެވެ. މި ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ ކަމާބެހޭ ބަހާތަކާއި އެހެނިހެން އިދާރާތަކާއެކު މައުލޫމާތު ހިއްސާކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.




