މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުނާއިމެދު އިތުރު ރަހުމެއް ހަމްދަރުދީ އެއް ނޯންނާނެ ކަމަށާއި، ހަމައެކަނި އޮންނާނީ ހަރުކަށި ގާނޫނީ ފިޔަވަޅު ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މަސްތުވާތަކެތީގެ ނެޓްވޯކެއްގެ އިސްފަރާތްތަކެއް، އައްޑޫ ސިޓީން ހައްޔަރުކުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ ފުލުހުންގެ ތަހުގީގު އެމީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް އިތުރު ރަހުމެއް ހަމްދަރުދީ އެއް އިސްތިސްނާއެއް ނޯންނާނެ ކަމަށެވެ.
ދިވެހިރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވުމަށް ހިންގަމުންދާ ”އޮޕަރޭޝަން އަލިމަގު“ ގެ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަކިން ޓާގެޓް ކުރެވިގެންދާނެ ކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވެފައެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ”އޮޕަރޭޝަން އަލިމަގު“ގެ ތެރެއިން، އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާ އެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ އިސްފަރާތްތަކެއް ރޭ ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާޗް މަހުން ފެށިގެން ކަމަށާއި، މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ހޯދިފައިވާ ކަމަށެވެ





