ނިޕާ ވައިރަސް ފެތުރޭތީ ވެސްޓު ބެންގަލް އަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ހެލްޓް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ މި މަހުގައި އިންޑިއާގެ ވެސްޓު ބެންގޯލްއިން ނިޕާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ތިން މީހުން ފެނިފައިވާ ކަމަށެވެ. އަދި މީގެ ކުރީ އަހަރުތަކުގައި ނިޕާގެ ކޭސްތަކެއް އިންޑިއާ އަދި އެހެން ގައުމުތަކުންވެސް ރިޕޯޓްކޮށްފައިވާ ކަމަށްވެސް އެ އެޖެންސީ އިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ވެސްޓު ބޭންގޯލްއަިން މި ވައިރަހަށް ޕޮޒިޓިވް މީހުންނާ ކޮންޓެކްޓްވި 180 އަށްވުރެ ގިނަ މީހުން ދެނެގަނެވި އެ މީހުން މިހާރު ވަނީ ކަރަންޓީން ކުރެވިފައި ކަމަށެވެ. އަދި ކަރަންޓީނު ކުރެވިފައިވާ މީހުންގެ ހާލަތުދަނީ އެ ގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަރަށް ގާތުން ބަލަމުން ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ބަލި ޖެހިގެން އިތުރު ކޭސްއެއް އަދާއި ހަމައަށް ފެނިފައިނުވާއިރު މި ކޭސްތަކާއި ގުޅިގެން އިންޑިއާގެ އިތުރު އެހެން އެއްވެސް ސަރަހައްދަކުން އަދި އެހެން ގައުމަކުން މި ބަލި ފެނިފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައިނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެ އެޖެންސީއިން ބުނީ މިވަގުތު ރާއްޖެއަށް މިބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަ ނަމަވެސް އެ އެޗްޕީއޭއިން ދަނީ ހާލަތު މޮނިޓާ ކުރަމުން ކަމަށެވެ. އަދި މި ބައްޔާއި ގުޅޭ ގޮތުން އެއްވެސް ކޭސްއެއް އަދި ކޮންޓެކްޓްވި އެއްޗެސް ފަރާތެއް އެ އެޖެންސީއަށް ރިޕޯޓްކުރެވިފައި ނުވާކަމަށް އެ އެޖެންސީ އިން ބުންޏެވެ. ނަމަވެސް ބަލި ފެނިފައިވާ ވެސްޓު ބެންގޯލް ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
އާއްމު ސިއްހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމާގުޅޭ އިދާރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި ގުޅިގެން އެޗްޕީއޭއިން ދަނީ އަޅަމުންނެވެ.
ނިޕާ ވައިރަހަކީ ޓެރޯޕަސް އާއިލާގެ ވާލުން (ފްރުޓް ބެޓް) އަދި އޫރުން އިންސާނުންނަށް ފެތުރޭ ބައްޔެކެވެ. އަދި މިބާވަތުގެ ވާ ކައިފައިވާ މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ އެއްޗެހި ޖެހިފައިވާ މޭވާ އާއި ތަރުކާރީ ފަދަ ތަކެތި ބޭނުންކުރުމުން އިންސާނުންނަށް ބަލި ފެތުރެއެވެ. މީގެ އިތުރުން ބަލި ޖެހިފަިއވާ މީހުންނާ ގާތްކޮށް އުޅޭ ފަރާތްތަކަށްވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.
ހަމައެހެންމެ ބަލި ޖެހޭ މީހުންގެ ފަރާތުން އާއްމުކޮށް ފެންނަ އާއްމު އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، ކެއްސުން، ކަރުގައި ރިއްސުން އަދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ. މީގެ އިތުރުން ބަލި ބޮޑުވަމުންދާ ވަރަކަށް ބައެއް މީހުންގެ ސިކުނޑިއަށް އަސަރުކޮށް، ވާނުވާ ނޭނގުން ނުވަތަ ފިޓު ޖެހުންވެސް ހިމެނެއެވެ. މިބަލި ޖެހޭ ބައެއް މީހުންނަށް އެއްވެސް އަލާމާތެއް ނުފެނިވެސް ހުރެއެވެ. އަދި މިބައްޔަށް ވަކި ހާއްސަ ފަރުވާއެއް ނެތްނަމަވެސް ބަލީގެ އަލާމާތްތަކަށް ފަރުވާ ކުރެވެއެވެ.





